13 މެއި 2017 - 12:06

މެޑްރިޑް (މެއި 13) - ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ގިނައިން ނުލިބޭނަމަ ރެއާލް މެޑްރިޑް ދޫކޮށްލަން ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 21 އަހަރުގެ އަސެންސިއޯ އަކީ މީގެ ހަތަރު އަހަރު ކުރިން ރެއާލް މަޔޯކާގެ ބީ ޓީމަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. އަސެންސިއޯ ގަންނަން ރެއާލަށް ލަފާދިނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް އެވެ. ނަޑާލްގެ އެދުމާ އެކު ރެއާލުން 2014 ވަނަ އަހަރު އަސެންސިއޯ ގަތީ 3.5 މިލިއަން ޑޮލަރަށެވެ.
ފާއިތުވި ދެ އަަހަރު އަސެންސިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ މަޔޯކާ އާއި އެސްޕަންޔޯލަށެވެ. މި ދެ ޓީމުގައި އޭނާ ތަފާތު މޮޅު ކުޅުމެއްް ދެއްކުމުން މި ސީޒަނުގައި ރެއާލްގެ ސްކޮޑުން އޭނާ އަށް ޖާގަ ދިނުމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ނިންމި އެވެ.
މި ސީޒަނުގައި މިހާތަނަށް ރެއާލުން ލީގުގައި ކުޅުނު ނުވަ މެޗެއްގައި އަސެންސިއޯ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އަދި ގިނަ މެޗުތަކެއްގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ތަފާތު ދައްކައިފަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު ފާހަގަކޮށްލެވެ އެވެ.
އަސެންސިއޯ ހޯދުމަށް ފާރަލަމުން އަންނަ ޓީމުތަކުގެ ތެރޭގައި އާސެނަލާއި ލިވަޕޫލް އަދި ޔުވެންޓަސް ހިމެނެ އެވެ. ލިވަޕޫލާއި އާސެނަލުން އަސެންސިއޯ އަށް މި ސީޒަން ނިމުމުން ބިޑްކުރާނެ ކަމަށް ބެލެވިފައިވާއިރު، ޔުވެންޓަސް އިން އަސެންސިއޯ ގެންދަން މަސައްކަތް ކުރަނީ ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.