އަމީނީ މަގުގައި ހުރި ގަސްތައް ނަގައި ކުޑަގިރި އަށް ގެންދަނީ
އަމީނީ މަގުގައި ހުރި ގަސްތައް ނަގައި ކުޑަގިރި އަށް ގެންދަނީ

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތްކުރާއިރު އެ މަގުން ނަގާ ގަސްތައް، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މި ސަރުކާރުން ހަދާ ކ. ކުޑަގިރި އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ މަގުގައި ހުރި ބޮޑެތި ގަސްތައް ނަގަމުންދާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށް ފަހު، ކުޑަގިރި އަށް ބަދަލުކުރާނެ ކަމަށެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި އިންދާނެ ކަމަށް ބުންޏެވެ.

އަމީނީ މަގަކީ މާލޭގައި އެންމެ ގިނަ ގަހާއެކު އެންމެ ފެހިކޮށް އޮންނަ މަގެވެ. އެ މަގުގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަސްތައް ވެސް އެބަހުއްޓެވެ.

"މީގެ އިތުރުން އަމީނީމަގު އިތުރަށް ފެހިކުރުމަށް 'ޓްރީޕިޓް' ބަހައްޓާނެ އެވެ،" އާރުޑީސީގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ އަމީނީ މަގުގެ ހެދުމުގެ މަސައްކަތް ޕްލޭންކޮށްފައި ވަނީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. ނަމަވެސް، މާލޭގެ މަގުތަކަކީ ފެނާއި ނަރުދަމާގެ އިތުރުން އެތައް ބައިވަރު ނެޓްވޯކްތަކެއް ވަޅުލާފައިވާ މަގުތަކަކަށް ވުމުން އަދި ހާއްސަކޮށް އަމީނީ މަގަކީ ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކްތަކުގެ މައި ހޮޅިތައް ވަޅުލާފައިވާ މަގަށް ވުމުން ވެސް އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އަމީނީ މަގަކީ އެ މަގުގެ އަޑި އޮތް ގޮތުގެ ހާލަތު އެނގޭނެ ކުރެހުންތަކެއް ވެސް ހުރި މަގަކަށް ނުވާތީ، އެ މަސައްކަތް ކުރަން އުނދަގޫވެފައިވާ ކަމަށް އާރުޑީސީން ބުންޏެވެ.

"...އަމީނީމަގުގައި ހުރި ގަސްތައް ބަހައްޓައިގެން އެ މަގުގެ މުޅި ނެޓްވޯކް އަޕްގްރޭޑް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން މިހާރު ވެސް އެ މަގުގައި ވަޅުލާފައިވާ ހޮޅިތަކާއި އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެހެންކަމުން، އަމީނީމަގުގައި ހުރި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.

އާރްޑީސީން އިއްޔެ އިން ފެށިގެން ވަނީ އަމީނީ މަގުގެ އެންމެ އިރުމަތީގައި ހުރި ބައެއް ގަސްތަކުގެ އޮފިތައް ކޮށާލައިފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އަމީނީ މަގުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެ ކުންފުނިން ބުނެފައި ވަނީ އެ މަގު ހަދާއިރު ގަސްތަކަށް ގެއްލުން ކުޑަވާނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށާއި އަދި މަގު ހަދާ ނިމުމުން އިތުރު ގަސްތައް އިންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ގަ އެވެ. އެ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި، ދުއްވާ އެއްޗިއްސަށާއި އާންމުންނަށް ނުވަދެވޭ ގޮތަށް ވަކި ހިސާބެއް މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެއީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.

ސަރުކާރުން އާރްޑީސީ އަށް އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށް 84 މިލިއަން ރުފިޔާ އަށެވެ.