ދިރުވާލައިގެން ގެނައި ރަން ދައުލަތަށް ނަގައި 60،000ރ. އިން ޖޫރިމަނާކޮށްފި
ދިރުވާލައިގެން ގެނައި ރަން ދައުލަތަށް ނަގައި 60،000ރ. އިން ޖޫރިމަނާކޮށްފި

އިންޑިއާ މީހަކު ރާއްޖެއަށް އައި އިރު ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ ބުލެޓް ރަން ދައުލަތަށް ނަގައި ކުށުގެ އަދަބެއްގެ ގޮތުން 60،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު ރަން އެތެރެކުރީ އަކްޝޭ ކުމާރް ސްރޭޝްބާއީ ބަޓް ކިޔާ މީހެކެވެ. އެ މީހާގެ ހަށިގަނޑުގެ ތެރޭގައި ރަން ހުރިކަން އެނގުނީ ހަށިގަނޑު ތެރޭ އެއްޗެއް ފޮރުވާފައި ހުރި ކަމަށް ޝައްކުވެގެން ބޮޑީ ސްކޭން މެޝިނުން ބެލި އިރު ފެނުނު އެއްޗިއްސަކީ ރަން ކަމަށް އޭނާ އަމިއްލައަށް އެއްބަސްވެ ބޮޑުކަމު ގޮސްގެން އެ އެއްޗެހި ނަގައި ޓެސްޓްކުރުމުންނެވެ.

ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި އަވަސް ނިއާގެ ހުކުމުގައިވާ ގޮތުން ރަން އެތެރެކުރި މީހާ ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އަކްޝޭކުމާރުގެ މައްޗަށް ކުރި ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން 60،000ރ، ގެ ޖޫރިމަނާ ދެއްކުމަށް އެއްބަސްވެފައި ވަނީ އިއުތިރާފްގެ އެއްބަސްވުމުގަ އެވެ.

ހުކުމުގައި ބުނެފައިވަނީ ޖޫރިމަނާގެ ފައިސާ އިއްޔެއިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށެވެ. އަދި ދައުލަތުން ދައުވާގައި އެދުނު ގޮތަށް، ރަންތައް ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ކުރިން ވެސް އެތައް ބައެއްގެ މައްޗަށް ވަނީ މިގޮތަށް ރަން އެތެރެކުރަން އުޅުނު މައްސަލާގައި ދައުވާކޮށް ހުކުމްކޮށްފަ އެވެ.