08 ޖޫން 2016 - 10:26

އެމަނިކުފާނު އިންނެވީ ފުރޮޅުލީ އޮފީސް ގޮނޑިއެއްގަ އެވެ. ފަހަތުން މީހަކު ގޮނޑި ކޮށްޕަމުން ދެ އެވެ. ބާރަށް ދިއުމަށް ބާރު ބާރަށް ގޮވަމުން ގެންދެވަ އެވެ. ބަލާބެލުމަށް އެމަނިކުފާނު ރޭހުން މޮޅު ވާނެހެން ހީވެ އެވެ. އެކަމަކު، ރޭސް ނިންމާ ހިސާބާ ކައިރިވެފައި ވަނިކޮށް، ފަހަތުން ބާރުލާފައި އައި އެހެން މީހަކު އެމަނިކުފާނު އިންނެވި ގޮނޑީގައި ޖެހެނީ އެވެ. އެ ހިސާބުން ރޭހުން ބޭރުވީ އެވެ.

މިއީ ގޮނޑި ދުއްވުމުގެ މުބާރާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ގޮތެވެ.
އެ މުބާރާތަކީ މިދިޔަ އާދިއްތަ ދުވަހު އޮތް ހޭ ފެސްޓިވަލްގެ ބައެކެވެ. ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު އެ ފެސްޓިވަލްގައި ތަގުރީރުކުރެއްވީ ރާއްޖޭގެ ޑިމޮކްރެސީގެ މިހާރުގެ ހާލަތާއި އަރަބި ގައުމުތަކަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާ ގުޅޭ ގޮތުންނެވެ. އެމަނިކުފާނާ އެކު އިނގިރޭސިވިލާތުގައި ކުރިން ހުންނެވި ދިވެހި ސަފީރު ފަރަހަނާޒް ފައިސަލް ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ގޮނޑި ދުއްވުމުގެ މުބާރާތަކީ ރަސްމީ ކަންކަމަށް ފަހު އޮތް އެއްވުމެއްގެ ބައެކެވެ. ކަޅު ކުލައިގެ ސޫޓެއް ތުރުކުރައްވައިގެން އިންނެވި ނަޝީދު ބައިވެރިވެވަޑައިގެންނެވި ގޮނޑި ދުއްވުމުގެ މުބާރާތް ކުރިއަށް ދިޔައިރު އެމަނިކުފާނުގެ މޫނުފުޅު މަތިން ފެނުނީ އުފާވެރިކަމެވެ. ސިޔާސީ ކަންކަމުން ވަގުތުކޮޅަކަށް ނަމަވެސް ދުރަށް ޖެހިވަޑައިގެން މަޖާކުރެއްވި އެވެ. އެ މުބާރާތަށް ފަހު، ނެށުމުގެ ހުނަރުތައް ވެސް ދައްކާލެއްވި ކަމަށްވެ އެވެ.
"ވަރަށް ފައްކާ ނެށުމުގެ ހުނަރުތައް ދައްކާލެއްވި. އެކަމުން އެނގުނީ [އެ މަނިކުފާނުގެ] ބުންވަރާއި ސްޓައިލް،" އެ ތަނުގައި ހުރި ޑީޖޭއެއް ކަމަށްވާ ގައި ޑޭވިސް، އިނގިރޭސި ނޫސް ޑެއިލީ މެއިލް އަށް ބުނެފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ހޭ ފެސްޓިވަލްގައި އެކި ފަންނުތަކުން ފާހަގަކޮށްލެވޭ މީހުންނާއި ހުނަރުވެރިން ބައިވެރިވެ އެވެ. ނަޝީދުގެ ވެރިކަމުގައި 2010 ގައި ހޭ ފެސްޓިވަލް އޮތީ އާރަށުގަ އެވެ.
ނަޝީދަށް ދިން 30 ދުވަހުގެ ހުއްދައާ އެކު އެމަނިކުފާނު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑަައިގަތީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ މުއްދަތު ސަރުކާރުން އަދި އިތުރު ކޮށްދީފައި ނުވިޔަސް، އިނގިރޭސި ސަރުކާރުން ވަނީ ނަޝީދަށް ހިމާޔަތް ދީފަ އެވެ.
ނަޝީދު އިސް ދައުރެއް އަދާކުރައްވައި އިދިކޮޅު އިއްތިހާދެއް އިނގިރޭސިވިލާތުގައި ވަނީ އުފައްދާފަ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ލީޑުކުރައްވާ މި އިއްތިހާދުން ވަނީ ސަރުކާރު ބަދަލުކޮށް، މިނިވަން، އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބާއްވާނެ ކަމަށް ބުނެފަ އެވެ.