19 ސެޕްޓެމްބަރ 2022 - 09:39

ދިވެހި ޕްރިމިއާ ލީގު އަތޮޅުތެރެއަށް ފުޅާކުރުމުގެ މަގްސަދުގައި، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލައިގެން އެފްއޭއެމުން މިއަހަރު ފެށި 2023/2024 ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ، ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގެ ފުރަތަމަ މެޗު ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ކާމިޔާބު ކޮށްފި އެވެ.

ސެންޓްރަލް ލީގުގެ ކުޅުން އިއްޔެ ފެށީ ގުރޫޕް ބީ ގެ މެޗްތަކުންނެވެ. ގްރޭޓާ މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ނުހިމެނޭ ހެން ކ. އަތޮޅުގެ ރަށްތަކުން ވާދަކުރާ ގުރޫޕް ބީގެ މެޗުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
ގުރައިދޫ އިން އިއްޔެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ގުޅީ ފުޓުބޯޅަ ކުލަބާ ވާދަކޮށް 3-1 އިންނެވެ. މެޗުގައި ގުރައިދޫ އިން ޖެހި ތިން ލަނޑު ވެސް ޖެހީ އާލިމް އަބްދުލް ގައްޔޫމެވެ. ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 69 ވަނަ މިނިޓުގަ އެވެ.
ގުޅީ ފުޓުބޯޅަ ކުލަބުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖެހީ، ފަހު 10 މިނިޓަށް ކުޅެން އެރި މުހައްމަދު ފައިޝާން ފައިސަލް އެވެ.
ގުރޫޕް ބީ ގައި ހަތަރު ޓީމަކުން ވާދަކުރާ ގޮތަށް ނިންމި ނަމަވެސް، ހިންމަފުށިން ވާދަ ނުކުރާން ނިންމުމާ ގުޅިގެން މި ގުރޫޕުގެ މެޗުތައް ކުރިއަށް ދާނީ ތިން ޓީމެއްގެ މެދުގަ އެވެ. ގުރައިދު އާއި ގުޅީގެ އިތުރުން ދެން ވާދަކުރާނީ މާފުށީ ނިއު ސްޓާ ސްޕޯޓްސް ކުލަބެވެ.
މި ގުރޫޕުގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ނިއު ސްޓާ ނުކުންނާނީ ގުރައިދުއާ ދެކޮޅަށެވެ.
މި މަހުގެ 28 އާ ހަމައަށް މި ގުރޫޕުގެ މެޗުތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އެއަށް ފަހު އަންނަ އޮކްޓޫބަރު މަހުގެ 3 އިން 13 އަށް ގުރޫޕް އޭގެ މެޗުތައް ބ. އޭދަފުށީގައި ކުރިއަށް ދާނެ އެވެ.
ސެންޓްރަލް ލީގުގައި ފަސް ގުރޫޕެއް ހިމެނޭ އިރު، މި ފަސް ގުރޫޕުން އެއް ވަނައަށް ދާ ޓީމުތައް އެއް ވަނަ ޑިވިޝަނަށް ކޮލިފައި ވާނެ އެވެ. އަދި ކޮންމެ ގުރޫޕަކުން ދެ ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަކަށް ވެސް އެއް ވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.