އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ މީހާއަށް "ގާނޫނީ އިންޒާރު ނުދޭތީ" ކޯޓުން މިނިވަންކޮށްފި
އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ މީހާއަށް "ގާނޫނީ އިންޒާރު ނުދޭތީ" ކޯޓުން މިނިވަންކޮށްފި

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމު ދިޔަ މައްސަލައެއްގައި ހޮނިހިރު ދުވަހު ހައްޔަރުކުރި އިންޑިއާ މީހާ އަށް ފުލުހުން ގާނޫނީ އިންޒާރު ދިން ކަމަށް ނުބެލެވޭތީ ބަންދުގެ މުއްދަތު އިތުރުކޮށްނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އުމުރުން 52 އަހަރުގެ ލިޖޯ ޖޯން ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ކޯޓަށް ގެންދިއުމުން، އޭނާ އަކީ ދިވެހި ބަސް ނޭނގޭ މީހަކަށް ވާތީ ތަރުޖަމާނަކާ އެކު ކޯޓަށް ހާޒިރުކުރުމަށް އެއް ދުވަސް ކޯޓުން ބަންދަށް އިތުރުކޮށްދިނެވެ.

އެހެންވެ ފުލުހުން އިއްޔެ އެ މީހާ އަލުން ކޯޓަށް ހާޒިރުކުރުމުން ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައި ވަނީ ހައްޔަރުކުރި މީހާ އަށް ގާނޫނީ އިންޒާރު ދިންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެއީ ގާނޫނީ އިންޒާރު ދޭ ފޯމު އޮންނަނީ ދިވެހި ބަހުން ކަމަށް ވާއިރު ހައްޔަރުކުރި މީހާ އަކީ ދިވެހި ބަސް ދަންނަ މީހެއް ނޫން ކަމަށް އަމުރުގައި ބުނެފައިވެ އެވެ. އަދި ފޯމުގައިވާ ކަންކަން ތަރުޖަމާކޮށްދޭ ހާލަތުގައި އެކަން ކުރި މީހެއްގެ ނަން ލިޔެ ސޮއި ކުރުމަށް ފޯމުގައި އޮތަސް އެކަން ވެސް ކޮށްފައި ނުވާތީ ގާނޫނީ އިންޒާރު ދިން ކަމަށް ޝަރީއަތަށް ބުރަ ނުވެވޭތީ ބަންދުން ދޫކޮށްލަން ގާޒީ ނިންމެވީ އެވެ.

އިއްޔެ މެންދުރު އެ މީހާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތެއް ނެތި އެވެ.

މިސްކިތަށް ބޮޑުކަމު ދިޔަ މީހާ ކުރިން ކޯޓުގައި ބުނެފައިވަނީ އޭނާ އަކީ ސައްހަ ވިސާގައި ރާއްޖެ އައިސް ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މާލެ އައިސް އުޅުނީ ރޭގަނޑުގެ ކެއުމަކަށެވެ.