19 ސެޕްޓެމްބަރ 2022 - 09:30

ޔަމަހާ ޓެކްނިކަލް ތަމްރީން ޕްރޮގްރާމެއް ރާއްޖޭގައި އިއްޔެ ފަށައިފި އެވެ.

އެ ޕްރޮގްރާމަކީ އެލިއާ އިންވެސްޓްމެންޓްސް އަދި ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޔަމަހާ ޓެކްނިކަލް އެކެޑަމީއިން ޖަޕާނުގައި އާންމު ގޮތެއްގައި އެ ބްރޭންޑްގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ޔަމަހާ ބޮރޯންޒް ލެވެލްގެ މި ތަމްރީން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އެލިއާ އިން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
އެލިއާ އިން ބުނިގޮތުގައި، އެ ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ރާއްޖޭގައި ޔަމަހާ އިނަޖީނު ސާވިސްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން، އެކިއެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 18 މެކޭނިކުން ޕްރޮގްރާމުގައި ވަނީ ބައިވެރިވެފަ އެވެ.
"ޔަމަހާގެ އިރުޝާދާ އެކު އެ ތަމްރީނު ފޯރުކޮށްދޭނީ ސަޓިފައިޑް އަދި ތަޖުރިބާކާރު އެލިއާގެ ސީނިއާ މާކެޓިން ޓީމަކުން" އެލިއާ އިން ބުންޏެވެ.
އެ ތަމްރީނުތަކުގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދާން ވަނީ ހަމަޖެހިފަ އެވެ.
ޔަމަހާ އަދި އެލިއާގެ ގުޅުމަށް 48 އަހަރު ފުރިފައިވާއިރު، ޔަމަހާ އާއި ގުޅިގެން ހިންގާފައިވާ ތަފާތު ތަމްރީނުތަކެއްގައި ގިނަ އަދަދެއްގެ މީހުން މިހާތަނަށް ބައިވެރިވެފައިވާ ކަމަށް އެލިއާއިން ބުނެ އެވެ.
އެލިއާ އިން ބުނިގޮތުގައި، މިފަދަ ތަމްރީނުތަކުގެ މަގްސަދަކީ ޔަމަހާ އިންޖީނުތަކުގެ ސާވިސް ހުނަރުވެރިކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
"ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރެވި، ކަސްޓަމަރުންގެ އިތުބާރު ހޯދައިފަ" އެލިއާ އިން ބުންޏެވެ.
އަދި އެ އިންޖީނުތަކުގެ ސްޕެއާ ޕާޓްސް ޔަމަހާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ އެލިއާ އިންވެސްޓްމެންޓްސް އިން ލިބެ އެވެ.
މިފަދަ ޓްރެއިނިންތައް ކުރިއަށް އޮތްތާނގާއި ބާއްވާ، ރާއްޖޭގައި ހުރެގެން ހާސިލްކުރުމުގެ ފުރުސަތު ވީހާ ވެސް ގިނަ މެކޭނިކުންނަށް ފަހިކޮށްދިނުމަށް އެލިއާ އިން އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.