ބޮލީވުޑްގެ އާ ޖޯޑަކީ ކްރިތީ އާއި ޕްރަބާސް؟
ބޮލީވުޑްގެ އާ ޖޯޑަކީ ކްރިތީ އާއި ޕްރަބާސް؟

ދެކުނު އިންޑިއާގެ ތަރި، ޕްރަބާސް އާއި ބޮލީވުޑްގެ ތަރި، ކްރިތީ ސަނޮން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ޕްރަބާސް ބޮލީވުޑަށް ނުކުތީ 2019 ގައި ޝްރައްދާ ކަޕޫރާ އެކު "ސާހޯ" އިންނެވެ. އޭގެ ފަހުން ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް އޭނާ މަސައްކަތްކުރަމުން އަންނައިރު އޭނާއަކީ ތެލޫގޫ ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރިއެވެ.

ބޮޑު ހިޓަކަށްވި "ބަހޫބަލީ" ގެ ލީޑު ރޯލު ކުޅުނު ޕްރަބާސްގެ ކުރިއަށް އޮތް މަސައްކަތުގެ ތެރޭގައި ކްރިތީއާ އެކު އޭނާ ފެނިގެންދާ "އަދިޕުރުޝް" ހިމެނެ އެވެ. ހިންދޫ މީތޮލޮޖިކަލް އެ ފިލްމުގެ ޝޫޓިންތައް މިހާރު ކުރިއަށްދާއިރު ކްރިތީ އާއި ޕްރަބާސްގެ މެދުގައި ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕްރަބާސްއަކީ ވަރަށް ލަދުރަކި މީހަކަށް ވިޔަސް އޭނާއަށް ކްރިތީއާ އެކު އުޅެން ވަރަށް "ކޮމްފޮޓަބަލް" އެވެ. ފިލްމީ މަސައްކަތެއް ނެތަސް ދެ ތަރިންގެ އެކަކު އަނެކަކަށް ގުޅާ ކަމަށް ވެ އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ކްރިތީ ވެސް ވަނީ ޕްރަބާސްއަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އަދި މިފަހުން ކޮފީ ވިތު ކަރަންގެ ޓާކްސެއްގައި ވެސް ކްރިތީ ވަނީ އިންޑަސްޓްރީގެ މީހަކަށް ގުޅަން ޖެހުމުން ޕްރަބާސްއަށް ގުޅައިފަ އެވެ. އެހެންވެ، އެމީހުން ޑޭޓްކުރާ ކަމުގެ އަޑުގަދަވީ އެވެ.

އެކަމަކު އެ އަޑުތަކާ ގުޅިގެން މިހާތަނަށް ދެ ތަރިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ކްރިތީ އާއި ޕްރަބާސް، އެކުގައި ކުޅޭ ފުރަތަމަ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 12 ގަ އެވެ.