18 ސެޕްޓެމްބަރ 2022 - 21:16

ލަންޑަން (ސެޕްޓެމްބަރު 18) - އާސެނަލްގެ އީތަން ނުވާނެރީ އުމުރުން 15 އަހަރުގައި މިއަދު އާސެނަލްގެ ސީނިއާ ޓީމުގައި ކުޅެން ނުކުމެ ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.
ބްރެންފޯޑް އާ ދެކޮޅަށް މިއަދު އާސެނަލް ކުޅުނު މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު ޖެހި ފަބިއަން ވިއޭރާގެ ބަދަލުގައި އީތަން ކުޅެން ނުކުތީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރެއިން ދެވަނަ މިނެޓްގަ އެވެ. މިއަދު އޭނާ ކުޅެން ނުކުތް އިރު އޭނާގެ އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.
އެޔާއެކު އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގެ މެޗެއްގައި ކުޅުނު 16 އަހަރުން ދަށުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ޕްރިމިއާ ލީގުގައި ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ ލިވަޕޫލުގެ ހާވީ އެލިއަޓް އަތުގަ އެވެ.
އޭނާ 2019 ގައި ފްލަމްއާ ދެކޮޅަށް ކުޅެން ނުކުތް އިރު އުމުރަކީ 16 އަހަރާއި 30 ދުވަހެވެ.
އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އެ ކްލަބްގެ ސީނިއާ ޓީމާއެކު އީތަން ދެތިން ފަހަރެއްގެ މަތިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"އިއްޔެ ފަރިތަކުރުންތަކުގައި އޭނާ ފަރާތުން ފެނުނު ކަންތަކުން އަހަންނަށް އިހުސާސެއް ކުރެވުނީ ފުރުސަތު އަތުވެއްޖެ ނަމަ އޭނާ އަށް ފުރުސަތު ދޭނަމޭ،" އާޓެޓާ ބުންޏެވެ.
“އަހަންނަށް ހީވަނީ އެއީ ކްލަބެއްގެ ގޮތުގައި އަހަރެމެންނަކީ ކޮން ފެންވރެއްގެ ބައެއްކަން އަންގައި ދެވޭނެ ވަރުގަދަ މެސެޖެއް ދެވިއްޖެހެން. އަހަރެން އިއްޔެ އޭނަ ކައިރީ ބުނީ އަހަރެމެންނާއެކު ހުންނަން ޖެހޭނެ. އަދި ފުރުސަތަކަށް ތައްޔާރަށް ހުންނަން ޖެހޭނެ. އޭނާ ހުރީ ތައްޔާރަށް އޭނާ ކުޅެން އަރަން ތައްޔާރުވީމަ އަހަރެން ބުނީ މަރުހަބާއޭ އަދި ހިތްހަމަޖެހުމާއެކު ކުޅޭށޭ."
"ހުނަރު ހުރި ކުޅުންތެރިންނަށް އަހަރެމެން ބޭނުން ފުރުސަތު ދޭން. އަދި އެ ކުޅުންތެރިޔަކު ވާން ޖެހޭނެ ހަރުދަނާ ސިފަތަކެއް ހުރި ކުޅުންތެރިޔަކަށް."
މިއަދުގެ މެޗު އާސެނަލް ކާމިޔާބު ކުރީ 3-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ވިއޭރާގެ އިތުރުން ވިލއަމް ސަލިބާ އަދި ގެބްރިއަލް ޖެސޫސް އެވެ. މެޗުން މޮޅުވެ އާސެނަލް ވަނީ 18 ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނަ އަށް ޖެހިލައިފަ އެވެ.