06 ޖެނުއަރީ 2017 - 22:51

ސީޒަނުގެ ހުރިހާ ތަށްޓެއް ކާމިޔާބުކުރުމަށް އަމާޒުކޮށް ވަރުގަދަ ޕްލޭނަކާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމާ ސިފައިންގެ ކުރީގެ ކާނަލެއް ކަމަށްވާ މުހައްމަދު ޒިޔާދް މިރޭ ހަވާލުވެވަޑައިގެންފި އެވެ.

މިދިޔަ އަހަރު އިންތިހާބުވި ނިއުގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން އިސްތިއުފާ ދީފައިވާތީ މިރޭ ބޭއްވި ކްލަބުގެ ކޮންގްރެސްގައި، ޒިޔާދުގެ އިތުރުން ބޯޑަށް އިތުރު އަށް މެމްބަރުން އިންތިހާބުކުރީ، ކޮންމެ މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލައްވާފައިވާތީ ވޯޓަކާ ނުލާ އެވެ.

ނިއުގެ ބޯޑަށް ދެން ހޮވުނީ އެ ކްލަބުގެ ކުރީގެ ގޯލްކީޕަރު އަދި ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވި ސައްޔިދު އަލީ އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި ކުރިން މަސައްކަތްކުރެއްވި އަހުމަދު ޝިޔާާމާއި އަބްދުލް މުއިއްޒު މުސްތަފާ އާއި ހަސަން ހުސެއިނާއި ހުސެއިން ޝާމް އާދަމާއި އިސްމާއިލް ރަޝީދު (ހުންގާނު) އަދި ސްރީ ލަންކާގެ ނަލިން ޗަމިންދަ އުދަގެ ކަންކަން އެވެ.
މިރޭ ކްލަބާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން ވެސް އާ ބޯޑުން ވަނީ ނުރަސްމީކޮށް މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށައިފަ އެވެ. މިދިޔަ ސީޒަނުގައި ބަލިކަށިކޮށް އޮތް ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި އަކްރަމް އަބްދުލްގަނީގެ ސޮއި ވަނީ ހޯދައިފަ އެވެ.
ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި މިރޭ ބޭއްވި ކްލަބުގެ ކޮންގްރެސް އަށް ހާޒިރުވި ހަތްދިހައެއްހާ މެމްބަރުންނާ މުހާތަބުކުރައްވައި ޒިޔާދު ވިދާޅުވީ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ސްކޮޑް އޯވާހޯލްކުރުމުން ކަމަށާއި އެގޮތުން މުހިއްމު ކުޅުންތެރިންގެ ސޮއި ހޯދައި ބައެއް ކުޅުންތެރިން ދޫކޮށްލާފައިވާ ކަމަށެވެ. ޒިޔާދު ވަނީ މި މަހުގެ 16 ނުވަތަ 17 ވަނަ ދުވަހު ވަރަށް ހާއްސަ ކުޅުންތެރިޔަކު އެ ކްލަބަށް ސޮއިކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އެއީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ގެނައި އެއް ކުޅުންތެރިޔަކީ އިމްރާން. ޓީމު އަލުން ބިނާކުރުމަށް ލީޑަރެއް ބޭނުންވާއިރު ރާއްޖޭގެ ފުޓްބޯޅައިގައި ފެންނަން ހުރި އެންމެ ވަރުގަދަ އެއް ލީޑަރަކީ އިމްރާން. އަޅުގަނޑުމެން ބޭނުންވަނީ އިމްރާން ނިއުގައި ހުރެގެން ރިޓަޔާކުރަން،" ޒިޔާދު ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް ވިދާޅުވީ މިދިޔަ ސީޒަން ނިމުނުއިރު ނިއުގެ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށާއި ކްލަބް 2 މިލިއަން ރުފިޔާ އިން ދަރަނިވެރިވެފައިވާ ކަމަށެވެ. އެކަމަކު ކްލަބާ ހަވާލުވީ އެކަން އެނގި ތިބެ ކްލަބް ހައްގު މަގާމަށް ގެންދަން ކަމަށާއި އެހެންވެ ދެން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އަޒުމަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުން. އެގޮތަށް ޓީމު މި ބައްޓަންކުރަނީ ވެސް. ކްލަބުގެ ފަހަތުގައި ސަޕޯޓަރުން ތިބިއްޔާ އެކަން ވާނެކަމުގެ ޔަގީންކަން އެބައޮތް. އެންމެ ބޮޑު އެއް އަމާޒަކީ މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށް ދެން އަންނަ އަހަރެއްގައި ރާއްޖޭން ބޭރުގައި (އޭއެފްސީ ކަޕް) ގައި ކުޅުން،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ނިއު އަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ކަމަށާއި އެހެންވެ ކްލަބާއި ސަޕޯޓަރުން ގުޅިިގެން، ގަލޮޅު ދަނޑުން ކުރިން ފެނުނު މަންޒަރުތައް ތަކުރެވިދާނެ ކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ނިއު ކުޅޭ ދުވަސް ދުވަހު ގަލޮޅު ދަނޑަކީ ކްލަބުގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި އޮތުން. ނިއު ކުޅޭ ކޮންމެ މެޗަކަށް ނިއުގެ ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ މަސައްކަތްކުރާނަން،" ޒިޔާދު ވިދާޅުވި އެވެ.
އަދި ކްލަބަށް ސަޕޯޓަރުން އިތުރުކޮށް މިހާރު ތިބި ސަޕޯޓަރުން ދެމެހެއްޓުމަށް ކްލަބުގެ ފޭން ކްލަބެއް އުފައްދައި ސޯޝަލް މީޑިއާގައި ކްލަބް އިތުރަށް ވަރުގަދަކުރުމަކީ ވެސް އާ ބޯޑުގެ ޕްލޭނެކެވެ. މީގެ އިތުރުން ސަޕޯޓާސް ބޭސް ވަރުގަދަކުރުމަށާއި ކްލަބަށް އާމްދަނީ ހޯދުމަށް މާލޭގައި ކެފޭ ފަދަ ތަނެއް ގާއިމްކުރައްވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ބޭނުންވަނީ ކްލަބް އަމިއްލަ ފައި މައްޗަށް ތެދުކުރުން،" ޒިޔާދު ވިދާޅުވި އެވެ. "ކްލަބުގެ ހިންގުން ވަރަށް ބޮޑަށް ރަނގަޅުކުރާނަން އިދާރީ ގޮތުން. އަދި ކްލަބަށް ފައިސާ ވެއްދޭނެ ގޮތްތައް ހޯދާނަން. ބޯޑުގައި ތިއްބެވީ ވެސް ނަމެއްގައި ތިބި ބަޔެއް ނޫން. އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ވޯކިން ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނީ. ބޯޑުގައި އެބަތިއްބެވި ފުޓްބޯޅައިގެ އާއި އިދާރީ އާއި ލީގަލް އަދި މާކެޓިން ދާއިރާގެ ތަޖުރިބާކާރުން."
ނިއުގެ އަންހެން ފުޓްބޯޅަ ޓީމާއި ޔޫތު ޑިވެލޮޕްމަންޓް ވެސް ވަރުގަދަކޮށް މުޅި ރާއްޖެ އަށް ފުޅާކޮށް ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެކްނިކަލް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ވެސް ޒިޔާދު ދެއްވި އެވެ.
އަލީ ވަހީދުގެ ޗެއާމަންކަމުގެ ދަށުން ނިއު 2012-2014 އަށް ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު މިދިޔަ އަހަރު ހަވާލުވި ބޯޑާ އެކު މިދިޔަ ސީޒަނުގައި ނިއު ފެނިގެން ދިޔައީ ވަރަށް ބަލިކަށިކޮށެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދިޔައިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ.
ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އަދި ކާމިނީޕޫލް ހަސަން މަނިކުގެ ދުވަސްތަކަށް ފަހު، ދެހާހުގެ އަހަރުތަކުގައި އެ ކްލަބް ގިނަ ދުވަސްތަކެއްވަންދެއް ހިންގެވީ އަލީ އާޒިމެވެ. އޭގެ ފަހުން އަލީ ވަހީދު ހަވާލުވެ ރެކޯޑް ކާމިޔާބީތަކެއް ހޯދިއިރު އެންމެ ފަހުން ޗެއާމަންކަން ކުރެއްވީ ޔާމީން އާދަމެވެ.