18 ސެޕްޓެމްބަރ 2022 - 20:14

ގއ. ގެމަނަފުށިން އެ އަތޮޅު ކަނޑުހުޅުދު އަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ގެމަނަފުށި ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހަވީރު 5:50 ހާއިރު އެ ހާދިސާ ހިނގީ ފެރީގެ ދިރުނބާކޮޅުގައި އިތުރު ދެ ރައްޓެއްސަކާ އެކު އެ ޒުވާނާ ވާހަކަ ދައްކަން އިންދަ އެވެ.
އުމުރުން 24 އަހަރުގެ އެ ޒުވާނާ މޫދަށް ވެއްޓުނީ ގެމަނަފުށީގެ ނެރާ ދިމާލުން ކަމަށާއި މޫދުން ނެގުނުއިރު ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ވެދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"ތޮށި މަތީގައި ތިބި މީހުންނަށް އެ މަންޒަރު ފެނިގެން ދިޔަ އެ ތަނަށް ޑިންގީއެއްގައި. ރަށަށް ގެންދިޔައީ އެ ޑިންގީގައި. އޭރު އެމްބިއުލާންސް ވެސް އޮތީ ބަނދަރުގައި މަޑުކޮށްގެން. އެކަމަކު އެމްބިއުލާންސަށް އެރުވިއިރު ވެސް ނޭވައެއް ނުލާ،" އޭނާ ވިދާޅުވި އެވެ.
އެ ޒުވާނާ ގެނބިގެން މަރުވިއިރު މިހާރު ކަނޑުހުޅުދު އަށް އޭނާގެ ހަށިގަނޑު ފޮނުވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގެނބިގެން މަރުވި ޒުވާނާއަކީ ފިޓް ޖެހޭ މީހެއް ކަމަށް ވެ އެވެ.