18 ސެޕްޓެމްބަރ 2022 - 19:41

ފުލުހުންނާ ގުޅޭ ގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައިގެން ނޫން ގޮތަކަށް އެ މައްސަލަތައް ހައްލުނުކޮށް ނުދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
"އަވަށްޓެރި ފުލުހުންގެ ހަފްތާ" ގެ ހަރަކާތުގެ "ވޯކް އެންޑް ޓޯކް" ނަމުގައި ފުލުހުން މިއަދު ހަވީރު ވަނީ މާލޭގެ އެކި ސަރަހައްދުތަކުން އާންމުންނާ ބައްދަލުކޮށް އެމީހުންގެ ޝަކުވާތަކާއި ފުލުހުންގެ އިދާރާގެ މައްސަަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅިގެން ހިޔާލު ހޯދައިފަ އެވެ.
އެ ހަރަކާތުގައި ސީޕީ އާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ވެސްޓް ޕާކު ސަރަހައްދުން އެކި އުމުރުފުރާގެ މީހުންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމާއި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރެއްވުމަށް ފަހު، "މިހާރު" އަށް ދެއްވި އިންޓަވިއުގައި ސީޕީ ވިދާޅުވީ އެ ހަރަކާތަކީ ފުލުހުންގެ ފަރާތުން ރަނގަޅު ކުރަން ހުރި ކަންކަމާއި ކަމެއް ދިމާވެއްޖެ ނަމަ، ފުލުހުންނަށް ގުޅައި ރިޕޯޓްކުރެވޭނެ ގޮތްތައް އެނގޭތޯ ބެލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
ސީޕީ ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ އެކި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލިންކްތައް ފޮނުވައިގެން ވެސް ފައިސާކަމުގެ ޝަކުވާ ބޮޑު ދުވަސްވަރަކަށްވާތީ އެކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް އެ ހަރަކާތުގައި ކުރިއަށް ދިޔަ އެވެ.
އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ ހިދުމަތަކީ "ކަމެއް ހިނގީމަ އެކަމެއް ބަލައި ރިއެކްޓް" ކުރުމަށް ވުރެ ރައްޔިތުންނާ ގާތުން ކަންކަން ކުރުން ކަމަށް ސީޕީ ވިދާޅުވި އެވެ.
"އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްކާކުރަމުން އަންނައިރު އެއާ ވެސް ވަރަށް ބޮޑަށް ގުޅުވައިގެން މި ހަފްތާ މިގެންދަނީ. މީގެ ތެރޭގައި ކުށް މަދުކުރުމާއި އެކި ފެންވަރުގެ ޕެނަލް ޑިސްކަޝަންތައް އޮންނާނެ. މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ފުލުހުން ބައްދަލުވުން. ފުލުހުންނާ މެދު ރައްޔިތުންގެ އިހްސާސްތައް ދެނެގަތުމާއި ފުލުހުންގެ ކިބައިން ރައްޔިތުން އެދޭ ކަންކަން ބެލުން،" މާފަންނު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ދެއްވި އިންޓަވިއުގައި ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އެ ސަރަހައްދުން ހައެއްކަ މީހުންނާ ބައްދަލުވެ، ވަރަށް ގިނައިރު ވާހަކަ ދެކެވުނު ކަމަށާއި އެމީހުންގެ އެކި ކަންކަމާ ގުޅިގެން ކަންބޮޑުވުންތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި ފުލުހުން މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ފުލުހުން އެކަނި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އުޅުނު ނަމަވެސް ނަތީޖާ ނުފެންނާނެ ކަމުގެ ޝަކުވާ އިވުނު ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން ވެސް ގާނޫނަށް ބޯލެނބުމާއި މަގުމަތީ އުޅޭ މީހުން ވެސް މަގުމަތި ބޭނުންކުރުމާއި އިހުތިރާމްކުރުން ކަހަލަ ކަންކަން ވެސް މުޖުތަމައުގެ ތެރެއިން ނެތިގެން ދާތީވެ، އޭގެ ސަބަބުން އެ ނިކުންނަ މައްސަލަތައް އިވުނު. އަދި ސްކޭމް ކަހަލަ މައްސަލަތަކުގައި ފުލުހުންނަށް ހުށަހެޅުނު ކަމުގައި ވިޔަސް އޭގެ ދެރަ ލިބޭ ފަރާތަށް ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތް ތަންކޮޅެއް ސްޕީޑް ރަނގަޅުކުރަންޖެހޭކަމަށް ވެސް ބުނި،"
ސީޕީ ވިދާޅުވީ ވާހަކަ ދެކުނު އާންމުންގެ ތެރެއިން މީހުން ވަނީ ފުލުހުންގެ މަސައްކަތް ވެސް ބަލައިގަންނަ ކަމަށް ބުނެފައި ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ، ފުލުހުންގެ ފަރާތުން އެންމެ އެކަށީގެންވާ ގޮތުގައި އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށް ވެސް އެމީހުން ބުނި ކަމަށް ސީޕީ ވިދާޅުވެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކަށް ނިކުމެ، ފުލުހުން އާންމުންގެ ކަންބޮޑުވުމާއި ރަނގަޅުކުރަން ހުރި ކަންކަން ސާފުކުރިއިރު އަތޮޅުތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި 2000 އެއްހާ ފުލުހުން ވަނީ އެ ހަރަކާތުގައި ބައިވެރިވެ އާންމުންގެ ކަންބޮޑުވުން އަހައިފަ އެވެ.
ފުލުހުންގެ ހިދުމަތަށް 18 އަހަރު ފުރުމާ ގުޅިގެން ކޮމިއުނިޓީއާ ވަރަށް ބޮޑަށް އެންގޭޖްވުމަށް ކުރިއަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް އެބަދެ އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ފުލުހުންނާ ގުޅިގެން ލިބުނު ހުރިހާ ޝަކުވާތަކެއް އެއްކޮށް، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާނެ އެވެ.
"އަވަށްޓެރި ފުލުހުންގެ ހަރަކާތް އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ނަމަވެސް ވަކި ބްލޮކެއްގައި ހުންނާނެ ނެއިބަހޫޑް އޮފިސަރެއް ކަނޑައެޅިފައި. އެ އޮފިސަރުންނާ ގުޅޭނެ ގޮތްތަކާއި އެ ސަރަހައްދަކުން އަޅުގަނޑުމެންނާ އެކު މަސައްކަތްކުރަން ތައްޔާރަށް ތިބޭނެ ބޭފުޅުންނާ އެކު ކުރާ މަސައްކަތް ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަނެ އޭގެ ތެރެއިން ހައްލު ހޯދޭނީ،"
މިހާރު ފުލުހުންގެ ހިދުމަތުން މަސައްކަތްކުރަމުންދަނީ ހަމައެކަނި ރިއެކްޓްކުރުމުގެ ބަދަލުގައި މައްސަލަތައް ދެނެގަނެ، ރައްޔިތުންގެ ޝަކުވާތައް ވެސް އަޑުއަހައިގެން ހައްލު ހޯދުމަށް ކަމަށް ސީޕީ ވިދާޅުވި އެވެ.
"މިގޮތަށް ކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ކަންކަމަށް ހައްލެއް ނުހޯދޭނެކަން."
އެ ހަރަކާތުގެ އިތުރުން މާލެއާއި ރަށްރަށުގެ ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެ، "ސައިބާ ސޭފްޓީ އާއި ބްލީއިން" އާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ދީފައިވެ އެވެ.