18 ސެޕްޓެމްބަރ 2022 - 16:23

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރަށް އިތުރު 40 ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރްގެ އިތުރުން ތިން މީހަކަށް ކުރިން ވަނީ ދައުވާކޮށްފަ އެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. މީގެ ތެރެއިން އަލަމްގީރާއި ނާޒިމް ކުށަށް އިއުތިރާފް ވުމުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ. ރަފީއު ވެސް ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ. އެކަމަކު އަދި އޭނާ އަށް ހުކުމެއް ނީއްވަ އެވެ.
އަލަމްގީރަށް މީގެ ކުރިން ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. އޭނާ ދައުވާތަކަށް އިއުތިރާފް ވުމުން އަދަބަށް އައި ލުޔާ އެކު އައީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމުގެ އަދަބެކެވެ.
ޕީޖީ އޮފީހުން ބުނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ އަލަމްގީރަށް ކުރީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށާއި އެ ދައުވާތައް އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފައި ވަނީ އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ރެކޯޑްކޮށްފައި ވާތީ އެވެ. އެހެންވެ އެއީ އަލަމްގީރް ރެކޯޑްކުރިކަން އެނގޭ ކޮންމެ ކްލިޕަކަށް ދައުވާއެކެވެ. ދައުވާކުރި މާއްދާގެ ދަށުން އެއީ ޖުނަހް 3 ވަނަ ދަރަޖައިގެ ކުށެކެވެ. މިއީ އެއް މަހާއި ހަ ދުވަހުގެ ހުކުމެއް އަންނަ ކުށަކަށް ވިޔަސް އެއް ދައުވާއަށް ވުރެ ގިނަ ވުމުންނާއި ކުށަށް އިއުތިރާފް ވުން ފަދަ ކަންކަމާ ގުޅިގެން އަންނަނީ ކޮންމެ ދައުވާއަކަށް ވަރަށް ކުޑަ އަދަބެކެވެ.
އަލަމްގީރް ރެކޯޑްކުރި ވީޑިއޯތަކުގެ ތެރެއިން ބައެއް ވީޑިއޯތައް ވަނީ ލީކުވެފަ އެވެ. އެ ވީޑިއޯތަކުން ފެންނަ އެތައް ބައެއްގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.