18 ސެޕްޓެމްބަރ 2022 - 11:54

ރާއްޖޭގެ އެކި އަތޮޅުތައް ހިމެނޭ ގޮތަށް 42 ރަށެއްގެ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.
ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލުން ހޯދަން ސީއެސްސީން އިއުލާނުކޮށްފައިވާ ރަށްރަށަކީ މިހާތަނަށް އެސްޖީން ނެތް ރަށްރަށާއި އެކި ސަބަބުތަކާ ހުރެ އެސްޖީންގެ މަގާމަށް އައްޔަންކުރި މީހުން އިސްތިއުފާ ދީފައިވާ ރަށްރަށެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ އެ މަގާމުގެ ދަށުން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ ދަށުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16،100ރ. ލިބެ އެވެ. އަދި ދެވަނަ ރޭންކުގެ ދަށުން ލިބެނީ 15،285ރ. އެވެ.
ސީއެސްސީން ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަނުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެ ކަމަށެވެ. އެކަމަކު ސެކްރެޓަރީ ޖެނަރަލްގެ މަގާމަކީ އިދާރާ ހިންގުމުގެ އެންމެ އިސް މަގާމަށް ވަތީ އިތުރު ގަަޑީގެ ފައިސާ ނުލިބޭނެ ކަމަށެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ކަހަލަ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ނުވަތަ 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާ ގުޅޭގޮތުން ތަޖުރިބާ ލިބިފައިވުމެވެ.
- ހއ. އިހަވަންދޫ
- ހއ. ކެލާ
- ހއ. ވަށަފަރު
- ހއ. އުތީމު
- ހދ. ނައިވާދޫ
- ހދ. ހިރިމަރަދޫ
- ހދ. ކުރިނބީ
- ށ. ފޭދޫ
- ށ. ނަރުދޫ
- ށ. މަރޮށި
- ށ. ޅައިމަގު
- ނ. ހެނބަދޫ
- ނ. ފޮއްދޫ
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. ހުޅުދުއްފާރު
- ރ. ރަސްމާދޫ
- ބ. ފެހެންދޫ
- ބ. ހިތާދޫ
- ބ. ކިހާދޫ
- ބ. ކަމަދޫ
- ބ. ކުޑަރިކިލު
- ކ. ކާށިދޫ
- އއ. މާޅޮސް
- އދ. ފެންފުށި
- އދ. ދިގުރަށް
- ވ. ފުލިދޫ
- ވ. ތިނަދޫ
- ވ. ފެލިދޫ
- ވ. ރަކީދޫ
- މ. ރަތްމަންދޫ
- މ. މުލައް
- މ. ނާލާފުށި
- މ. މަޑުއްވަރީ
- ދ. ރިނބުދޫ
- ދ. މާއެނބޫދޫ
- ތ. ވިލުފުށި
- ތ. ވަންދޫ
- ތ. ގާދިއްފުށި
-. ގދ. މަޑަވެލި
- ގދ. ފަރެސްމާތޮޑާ
- ގދ. ވާދޫ
ސީއެސްސީން ބުނީ އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު، އިމްތިހާނާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 9 އަކުން 31 ގެ ނިޔަލަށެވެ. އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.
އެ މަގާމަށް އެދުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރި އެވެ.