ޝައިހް ބީއޭ ނަސީމް އަވަހާރަވެއްޖެ
ޝައިހް ބީއޭ ނަސީމް އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) ރޭ ފަތިހު އަވަހާރަ ވެއްޖެ އެވެ.

ކ. ތުލުސްދު އަށް އުފަން، ނަސީމުގެ އާއިލީ މެންބަރަކު ބުނިގޮތުގައި 83 އަހަރުގައި އޭނާ އަވަހާރަވީ އިންފެކްޝަންތަކެއް އުފެދިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަތާ މަހެއް ފަހުންނެވެ.

އިނގިރޭސި ބަހުން ބެޗްލާސް އޮފް އާޓްސް (ބީއޭ) ފާސް ހޯއްދެވި ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނި ވަޑައިގެންނެވި ނަސީމަށް މުހާތަބުކޮށް "ބީއޭ" ގެ ލަގަބް ދިނީ ވެސް އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެވުމުންނެވެ.

އޭގެ އިތުރުން އޭނާއަކީ މަދީނާ ޔުނިވާސިޓީން އެންމެ ފުރަތަމަ ކިޔެވުން ނިންމި ދިވެހިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރިން ކުރެއްވި ނަސީމް ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލު ކުރުމުގެ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ. އެކަމަކު، އެމްޑީޕީން އޭނާ ވަކިވެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުން އުފެދި، 2010 ވަނަ އަހަރެވެ.