ސިޓީ އާއި ޓޮޓެންހަމް އެންމެ ކުރީގައި، އާސެނަލް އަށް ފުރުސަތު ނުގެއްލޭ
ސިޓީ އާއި ޓޮޓެންހަމް އެންމެ ކުރީގައި، އާސެނަލް އަށް ފުރުސަތު ނުގެއްލޭ

ވުލްވަހެމްޓަން (ސެޕްޓެމްބަރު 18) - މެންޗެސްޓާ ސިޓީގެ އިނގިރޭސި ވިންގާ ޖެކް ގްރީލިޝް މި ސީޒަނުގައި ޖެހި ފުރަތަމަ ލަނޑާ އެކު، 3-0 އިން ވުލްވްސް ބަލިކޮށް ސިޓީ އެއްވަނައަށް ޖެހިލައިފި އެވެ.

ފަހު ހާފުގައި ކުޅެން އަރައި ޓޮޓެންހަމްގެ ފޯވާޑް ސޮން ހެއުން މިން އެންމެ 14 މިނިޓު ތެރޭ ހެދިހެޓްރިކާ އެކު 6-2 އިން ލެސްޓާ ސިޓީ ބަލިކޮށް، ޓޮޓެންހަމް ވަނީ ސިޓީގެ ފަހަތުން ތާވަލުގެ ދެވަނަ މަގާމުގައި ހިފަހައްޓައިފަ އެވެ. ސިޓީ އާއި ޓޮޓެންހަމް އަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ.

ޕެޕް ގާޑިއޯލާގެ ސިޓީ އިން ރަށުން ބޭރުގައި ކުޅުނު މެޗުގައި ލީޑު ނެގީ 56 ވަނަ ސިކުންތުގައި ގްރީލިޝް ކާމިޔާބު ކުރި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ފިލް ފޮޑެން ދިން ޕާހަކުން ކެވިން ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުންނެވެ. އޭގެ 15 މިނިޓު ފަހުން ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ މި ސީޒަނުގައި ސިޓީ އަށް ބަދަލުވެ ލަނޑު ޖެހުމުގެ ތަފާތު ފޯމެއްގައި ހުރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ.

ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ހާލަންޑް ކާމިޔާބުކުރި މި ލަނޑަކީ އޭނާ ސިޓީ އަށް މި ސީޒަނުގައި ބަދަލުވެ ކުޅުނު 10 ވަނަ މެޗުން ޖެހި 14 ވަނަ ލަނޑެވެ. އަދި އޭނާ ވެފައި ވަނީ ލީގުގައި ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމަ އެއާ އެކު މި ލަނޑަކީ، 2020 ވަނަ އަހަރު ޖެނުއަރީ މަހު ކުލަބް ފުޓުބޯޅައިގައި ކުޅުނު 99 މެޗުން ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގެ 33 ވަނަ މިނިޓުގައި ވުލްވްސްގެ ނޭތަން ކޮލިންސް، ފުންމައިގެން އަރައި ގްރީލިޝް އަށް ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީ ބައި ވުލްވްސް އިން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ވުލްވްސް ކޮޅަށް، ސިޓީ އިން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ފޮޑެން އެވެ. ފުރަތަމަ ލަނޑާ ދާދި އެއް ގޮތަކަށް ޖެހި މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށް ދިނީ ވެސް ޑިބްރޭނާ އެވެ. ނަމަވެސް ޑިބްރޭނާ އަށް ހުރަސް ނަގަން ފުރުސަތު ތަނަވަސް ކުރީ ހާލަންޑެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅަށް މެޗުގެ ފެށުން ދިޔައީ، ދެ ގޯލު ޖެހުމުގެ އިތުރުން އިދިކޮޅު ކުޅުންތެރިއަކަށް ރަތް ކާޑަކެއް ވެސް ދެއްކި. ޖެކް [ގްރީލިޝް] ވަރަށް މޮޅަށް ކުޅުނު، ވަރުގަދައަށް ކުޅެ ރަނގަޅު ގޯލެއް ޖެހި. އާލިން [ހާލަންޑް] އިތުރު ގޯލަކާއިގެން ކުރިއަށް، އެއީ އެއްވަނަ،" މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ލީގުގައި ސިޓީ އެންމެ ފަހުން ރަށުން ބޭރުގައި ބަލިވީ، މިދިޔަ ސީޒަނުގެ ފުރަތަމަ މެޗުގައި، ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެއަށް ފަހު މިހާތަނަށް ލީގުގައި ސިޓީ އިން ވަނީ ރަށުން ބޭރުގައި ބަލިނުވެ 22 މެޗު ހަމަކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ރަން ބޫޓު ކާމިޔާބުކުރި ޓޮޓެންހަމަށް ކުޅޭ ދެކުނު ކޮރެއާގެ ސޮން މި ސީޒަނުގައި ލަނޑު ޖެހި ފުރަތަމަ މެޗުގައި ހެޓްރިކް ހެދީ، ދެވަނަ ހާފުގައި ކުޅެން އަރައެވެ.

މި ސީޒަނުގައި ޓޮޓެންހަމުން ފުރަތަމަ ކުޅުނު އަށް މެޗުގައި ވެސް ލަނޑެއް ނުޖެހުނު ސޮން، ކުޅެން އެރީ 60 ވަނަ މިނިޓުގައި ރިޗާލިސަންގެ ބަދަލުގަ އެވެ. އޭރު ވެސް ޓޮޓެންހަމް އޮތީ އެއް ގޯލުގެ ތަފާތުން ކުރި ހޯދައިފަ އެވެ.

ސޮންގެ ފުރަތަމަ ލަނޑު 73 ވަނަ މިނިޓުގައި ޖެހި އެވެ. ދެވަނަ ލަނޑު ޖެހީ 84 ވަނަ މިނިޓުގަ އެވެ. އަދި ހެޓްރިކް ފުރިހަމަ ކުރި ލަނޑު ޖެހީ 86 ވަނަ މިނިޓުގަ އެވެ. ތިންވަނަ ލަނޑު ބަލައިގަންނަން ރެފްރީ ނިންމީ އޭނާ އޮފްސައިޑު ވެދާނެ ކަމަށް، ވީއޭއާރު ރިވިއު ކުރުމަށް ފަހު އެވެ.

"އަހަރެންގެ ނިންމުން މި ސީޒަނުގައި އަދި ވަރަށް ދަށް. ބައެއް ފަހަރު ނަސީބު އެހީ ނުވާ ފަހަރުވެސް އާދޭ. އެކަމަކު އަހަރެންނަށް އެނގޭ އަދި ގޯލު ޖެހޭނެ ކަން، އެހެންވެ އެކަމާ އަހަރެން އެއްވެސް ހާސަކަމެއް ނުގެންގުޅެން،" މެޗަށް ފަހު ސޮން ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، ސޮން ލަނޑު ޖެހުމުން އުފާވާ ކަމަށާއި، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތުމުން ކުރިއަށް އޮތް މެޗަށް ކުޅުންތެރިޔާ މެންޓަލީ އަދި ފިޒިކަލީ ތައްޔާރު ކޮށްދޭނެ ކަމަށެވެ.

ޓޮޓެންހަމް އަތުން ބަލިވުމާ އެކު ލެސްޓާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަ އެވެ. އެންމެ ޕޮއިންޓަކާ އެކު އެޓީމު އޮތީ ލީގުގެ އެންމެ ފުލުގަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ލެސްޓާ އެވެ. މެޗުގެ ހަވަނަ މިނިޓުގައި ޔޫރީ ޓީލެމަންސް ކާމިޔާބު ކުރި ޕެނަލްޓީއަކުން ލެސްޓާ އިން ލީޑު ނެގި އިރު، ޓީލަމަންސް ފުރަތަމަ ފޮނުވާޅި ޕެނަލްޓީ ވަނީ ކީޕަރު ހޫގޯ ލޮރިސް ދިފާއު ކޮށްފަ އެވެ. ނަމަވެސް ޓީލެމަންސް ބޯޅަ ފޮނުވާލުމުގެ ކުރިން ގޯލް ލައިން ދޫކޮށް ލޮރިސް ކުރިއަށް ނުކުތުމުން، ޕެނަލްޓީ އަލުން ޖަހަން ޖެހުނެވެ.

ލެސްޓާ އިން ލީޑު ނެގިތާ ދެ މިނިޓު ފަހުން ޑިޔާން ކުލުސެވްސްކީ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ޓޮޓެންހަމަށް އެއްވަރު ކޮށްދިނީ ހެރީ ކޭން އެވެ. މެޗުގެ 21 ވަނަ މިނިޓުގައި އިވާން ޕެރިސިޗް ނަގައިދިން ކޯނަރަކުން އެރިކް ޑަޔާ ބޮލުން ޖަހައި ޓޮޓެންހަމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް، 41 ވަނަ މިނިޓުގައި ލެސްޓާ އަށް އެއްވަރު ކޮށްދިނީ ޖޭމްސް މެޑިސަން އެވެ.

ފުރަތަމަ ހާފުގައި ލެސްޓާ އިން ޓޮޓެންހަމް ކައިރީގައި ނަތީޖާއެއް ނެރެން ކުރި މަސައްކަ ނާކާމިޔާބުވީ، ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ލެސްޓާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓޮޓެންހަމުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ހޯދުމުންނެވެ. ވިލްފްރެޑް އެންޑީޑީ އަތުން ބޯޅަ ހޯދުމަށް ފަހު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ޓޮޓެންހަމަށް މި ލަނޑު ޖަހައިދިނީ ރޮޑްރިގޯ ބެންޓެންކޫ އެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމާއި މެންޗެސްޓާ ސިޓީ އަށް ވެސް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ހަ ގޯލެއްގެ ތަފާތުން އެއްވަނައިގައި އޮތީ ސިޓީ އެވެ. ޓޮޓެންހަމް އޮތީ ދެވަނައިގަ އެވެ.

އެހެން ނަމަވެސް އާސެނަލް އިން މިއަދު ހަވީރު ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. އެއް މެޗު މަދުން ކުޅެގެން 15 ޕޮއިންޓާ އެކު އާސެނަލް މިވަގުތު އޮތީ ތިންވަނައިގަ އެވެ.

ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތު ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ބްރައިޓަން އާއި ކްރިސްޓަލް ޕެލަސް ކުޅޭ މެޗު ފަސް ކޮށްފައި ވާއިރު، މި ހަފްތާ އެސްޓާން ވިލާ އިން ވަނީ 1-0 އިން ސައުތެމްޓަން ބަލިކޮށް އެޓީމުގެ ދެވަނަ މޮޅު ހޯދައިފަ އެވެ. އަދި ފުލަމް އިން ވަނީ 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އވެ.