އަޔޫޝްމަން އާއި އަނަންޔާގެ "ޑްރީމްގާލް 2" ގެ ޓީޒާ ނެރެފި
އަޔޫޝްމަން އާއި އަނަންޔާގެ "ޑްރީމްގާލް 2" ގެ ޓީޒާ ނެރެފި

ބޮލީވުޑްގެ ތަރި، އަޔޫޝްމަން ކުރާނާ އާއި އަނަންޔާ ޕާންޑޭ ލީޑު ރޯލު ކުޅޭ ފިލްމު "ޑްރީމް ގާލް 2" ގެ ޓީޒާއެއް ނެރެފި އެވެ.

ފިލްމުގެ ލީޑު ކުޅޭ ދެ ތަރިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ބުނެފައިވާ ގޮތުގައި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖޫން 29 ގަ އެވެ.

ފިލްމުގެ ޓީޒާގައި ވަނީ ލީޑު ބަތަލާގެ ރޯލު ކުޅޭ އަނަންޔާ ވެސް ތައާރަފުކޮށްފަ އެވެ.

ޑްރީމް ގާލް އަކީ 2019 ގައި ޑައިރެކްޓަރު ރާޖް ޝާންދިލްޔާ ޑައިރެކްޓްކުރި ފިލްމެކެވެ. އެ ފިލްމުގެ ފުރަތަމަ ބައިގައި ފެނުނީ އަޔޫޝްމަން އާ އެެކު ނުޝްރަތު ބަރޫޗާ އެވެ.

އެ ފިލްމުގައި ފެންނަނީ ވަޒީފާއެއް ހޯދުމަށް އަޔޫޝްމަންކުރާ މަސައްކަތް ނާކާމިޔާބުވެ އަންހެން އަޑުން ވާހަކަ ދައްކަން އެނގޭތީ އޭނާއަށް ކޯލް ސެންޓަރެއްގައި ލިބުނު ވަޒީފާއެއް އަދާކުރާ މަންޒަރެވެ. އަދި އެކަން އާއިލާއަށް ސިއްރުކުރަން އޭނާ ކުރާ މަސައްކަތެވެ. އެއީ ބޮކްސްއޮފީގައި ރަނގަޅު ކާމިޔާބެއް ލިބުނު ފިލްމެކެވެ.

ފިލްމުގެ ދެވަނަ ބައިގައި ޕޫޖާގެ ރޯލު ކުޅޭނީ އަނަންޔާ އެވެ.

ތަފާތު އެކި އިޖުތިމާއީ މައްސަލަތަކަށް ފިލްމު ކުޅޭ އަޔޫޝްމަންގެ ކުރިއަށް ހުރި މަަސައްކަތްތަކުގެ ތެރޭގައި "ޑޮކްޓާ ޖީ" ހިމެނެ އެވެ. ޝެފާލީ ޝާހު އާއި ރަކުލް ޕްރީތު ސިންގްއާ އެކު ކުޅޭ އެ ފިލްމުގައި އޭނާ ފެންނާނީ ގައިނެކޮލޮޖިސްޓެއްގެ ރޯލުންނެވެ.

އަނަންނާ އެންމެ ފަހުން ފެނުނީ ތެލޫގު ތަރި، ވިޖޭ ދެވަރަކޮންޑާ އާ އެކު "ލައިގާ" އިންނެވެ. އޭނާ ދެން ފެންނާނީ ސިދާތު ޗަތުރްވޭދީ އާއި އާދާޝް ގޯރަވް އާ އެކު "ކޯ ގަޔޭ ހަމް ކަހާން" އިންނެވެ.