އާލިއާ ނުފެންނަ ތާކު ނުހުރެވޭނެ: ރަންބީރު
އާލިއާ ނުފެންނަ ތާކު ނުހުރެވޭނެ: ރަންބީރު

ދުވަސްކޮޅެއް ކުރިން ކައިވެނިކުރި ބޮލީވުޑްގެ ޖޯޑު، ރަންބީރު ކަޕޫރާއި އާލިއާ އަށް މީޑިއާގެ ސަމާލުކަން ބޮޑެވެ. މިފަހަރު އެ މީހުންގެ ވާހަކަ އައިސްގެން އުޅެނީ މިހާރު އާލިއާއާ ވަކިން އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ރަންބީރު ބުނުމުންނެވެ.

އެންމެ ފަހުން "ބްރަހްމްސްތުރާ" ގައި ފެނުނު ރަންބީރު އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ވަރަށް މިނިވަން މީހެއް ކަމަށް އޭނާ ގަބޫލުކުރިޔަސް ހަގީގަތުގައި އާލިއާ ނުލާ އެއް ކަމެއް ވެސް ނުވާ ކަމަށެވެ.

ރަންބީރު ބުނި ގޮތުގައި އޭނާއަށް ކެވެނީ ވެސް ނުވަތަ ފާހާނާ އަށް ވަދެވެނީ ވެސް ނޫއާލިއާ ވީ ތަނެއް ބަލައިފަ އެވެ.

އޭނާ ބޭނުންވަނީ އާލިއާ އަބަދުވެސް އޭނާގެ ގާތުގައި ހުންނަން ކަމަށާއި ވާހަކަ ނުދެއްކިޔަސް ބޭނުންވަނީ ކައިރީގައި ހުންނަން ކަމަށް ރަންބީރު ބުންޏެވެ.

އާލިއާ ވެސް ވަނީ ރަންބީރަށް އޭނާއާ ނުލާ އެެއް ކަމެއް ވެސް ނުވާނެ ކަމަށާއި އޭނާ ނޫޅޭ ނަމަ ކޮންމެ ކަމެއް ވެސް ހުންނާނީ އެންމެ ފަހު ވަގުތަށް ބަހައްޓާފައި ކަމަށް ބުނެފަ އެވެ.

ރަންބީރާއި އާލިއާ ކައިވެނިކުރީ މިއަހަރުގެ އޭޕްރީލް 14 ގަ އެވެ. އެ މީހުންގެ ކައިވެނި އޮތީ އާއިލާ އާއި ގާތް މީހުންގެ ހާޒިރުގަ އެވެ.

އެމީހުން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމު، "ބްރަހްމަސްތުރާ" ގެ ޝޫޓިންގެ ތެރެއިން ހިތާވެގެން ދެ ތަރިން ކައިވެނިކުރިއިރު މިހާރު އާލިއާ އިނީ އެ މީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ.