17 ސެޕްޓެމްބަރ 2022 - 09:14

ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބޮލީވުޑްގެ ފިލްމު، "ބްރަހްމަސްތުރާ" ގެ ތަރި، މޯނީ ރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ޓީވީ ޝޯ، "ނާގިން" އިން ބޮޑު މަގްބޫލުކަމެއް ހޯދި މޯނީ އެންމެ ފަހުން މަސައްކަތްކުރީ ރަންބީރު ކަޕޫރާއި އާލިއާ ބަޓާ އެކު "ބްރަހްމަސްތުރާ" ގަ އެވެ. ދުނިޔޭގެ މާކެޓާއި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ އެ ފިލްމުގައި އެންމެ މޮޅު އެކްޓިންއެއް ދައްކުވައިދިނީ މޯނީ ކަމަށް ބުނެ ގިނަ ބަޔަކު އޭނާއަށް ތައުރީފްކޮށްފައިވެ އެވެ.
ފިލްމަށް ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނއިރު ޗުއްޓީއަށް ފިރިމީހާއާ އެކު މޯނީ މިވަގުތު ހުރީ ރާއްޖޭގަ އެވެ. މި ދަތުރުގައި އޭނާގެ ފިރިމީހާގެ އާއިލާގެ ބައެއް މެމްބަރުން ވެސް ބައިވެެރިވެ އެވެ.
ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ބައެއް ވީޑިއޯއާއި ފޮޓޯ އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މޯނީ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
އެތައް ސިލްސިލާއެއް ކުޅެފައިވާ މޯނީ ވަނީ ބްރަހްމަސްތުރާގެ ކުރިން ވެސް ބައެއް ފިލްމުތަކުން ފެނިފަ އެވެެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާ އެކު "ގޯލްޑް" އާއި ޖޯން އަބްރަހަމާ އެކު "ރޯމިއޯ އަކްބަރު ވޯލްޓާ" އަދި ރާޖްކުމާރު ރާއޯއާ އެކު "މޭޑް އިން ޗައިނާ" ހިމެނެ އެވެ.