16 ސެޕްޓެމްބަރ 2022 - 12:10

މާލެ އަތޮޅު މާދުނިފަރު ފަޅުގައި އަލަށް ހުޅުވަން ތައްޔާރުވާ އޯގަ އާޓް ރިސޯޓްގެ އާޓް ގެލެރީސްގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ އަތޮޅު އުތުރުން، ކ. މާރަންފުށީގައި މި އަހަރުގެ ފަހު ކޮޅަށް ހުޅުވަން ތައްޔާރުވާ އޯގަ އާޓް ރިސޯޓަކީ ދިވެހިން އުފައްދާ އާ ޓޫރިޒަމް ބްރޭންޑެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް 50 އަހަރު ފުރޭ މި ދަނޑިވަޅުގައި، އޯގަ އާޓް ރިސޯޓްގެ އަމާޒަކީ ދިވެހިންގެ ފަންނާއި ހުނަރު ސްޕޮޓްލައިޓްކޮށް، ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތަށް ޓޫރިސްޓުންނަށް ތައާރަފްކޮށްދިނުން ކަމަށް އެ ރިސޯޓު ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
"ފަންނުވެރިން ފަތުރުވެރިންނަށް" މި ޝިއާރުގެ ދަށުން ހުޅުވާފައިވާ އެ ފުރުސަތު މެދުވެރިކޮށް، އޯގަ އާޓް ރިސޯޓުގައި ރަޖިސްޓަރީ ކުރާ ފަންނާނުންގެ މަސައްކަތް، އޯގަ އަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ މައުރަޒުތަކެއްގައި ދައްކައިދޭނެ އެވެ. އެ ރިސޯޓުގެ ދަށުން ބައިވަރު ގެލަރީތަކެއް ހުޅުވާއިރު، ދިވެހި ފަންނާނުންނާއި އުފެއްދުންތެރިންނަށް ހާއްސަ އެތައް ފުރުސަތުތަކެއް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އާ، ޝައުގުވެރިވާ ފަދަ ގޮތަކަށް ދިވެހި ފަންނާނުންނަށް ތަފާތު މޮޑެލްތަކެއް ދައްކުވައިދޭނެ އޯގަ އާޓް ރިސޯޓުގެ ގެލެރީ އަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިހާރު ވާނީ އެ ރިސޯޓްސްގެ ވެބްސައިޓްގައި ހުޅުވާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތަކާއެކު ދުނިޔެ ބަވަނަވެ، އެއް ގައުމެއް އަނެއް ގައުމަށް ފަސޭހައިން ގުޅިފައިވާ މި ޒަމާނުގައި، ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ދަނީ އަލިގަދަކޮށް ވިދާލަމުންނެވެ. އޮންލައިން ކަލެކްޝަންތަކާއި ބޭރުގެ މައުރަޒުތަކާއި ސްޓޭޖުތަކުން ދިވެހިން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ އާޓް ފާހަގަކުރެވިގެންދާއިރު، އެ ފަރާތްތަކުގެ މަސައްކަތާއި ހުނަރަށް އެކަށީގެންވާ ވަރުގެ ޕްލެޓްފޯމެއް ރާއްޖޭގައި ވެސް އުފެއްދުމަކީ އޯގަ އާޓް ރިސޯޓްގެ އެންމެ މުހިންމު އެއް އަމާޒެވެ،" އޯގަ ރިސޯޓުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވެ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި އޯގަ އާޓް ރިސޯޓުން ބޭނުންވަނީ، ޓޫރިސްޓުންނަށް އާ މަންޒަރުތަކެއް ދައްކައި، އައު އަޑުތަކެއް އިއްވައި ލުމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތް އާލާކޮށް، 50 އަހަރު ވެފައިވާ ފަތުރުވެރިކަމުގެ ސިނާއާތަށް ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރު ކުރިއަރުވައިދޭ އައު ބްރޭންޑެއް ގެނައުމަށް،" އޭނާ ވިދާޅުވި އެވެ.
މިރޭގެ ނިޔަލަށް ހުޅުވާފައިވާ ފުރުސަތުގެ ދަށުން، އޯގަ ރިސޯޓްސްގެ ވެބްސައިޓް މެދުވެރިކޮށް، ރަޖިސްޓަރީ ކުރާ ފަންނާނުންނަށް، އޯގަ ގެލެރީއާ ބެހޭ ތަފްސީލުތަކުގެ އިތުރުން އޯގަ ބްރޭންޑްގެ ތައާރަފެއް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.