07 ޖެނުއަރީ 2017 - 08:09

މެންޗެސްޓާ (ޖެނުއަރީ 7) - ފުޓްބޯޅައިގައި މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށް ވުރެ އެ ތަށި ދިފާއުކުރުމަކީ ތަފާތު އުނދަގޫ މަސައްކަތެއް ކަމަށް އެންމެ ފަހުގެ އެފްއޭ ކަޕް ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ކޯޗު ލުއީ ވެން ހާލްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޔުނައިޓެޑް އެފްއޭ ކަޕް ހޯދީ ފައިނަލުގައި ކްރިސްޓަލް ޕެލަސް ބަލިކުރުމަށް ފަހު އެވެ. މި ފަހަރުގެ އެފްއޭ ކަޕް ފުރަތަމަ މެޗުގައި ޔުނައިޓެޑް މިއަދު އަމިއްލަ ދަނޑުގައި ކުޅޭނީ ރެޑިންއާ ދެކޮޅަށެވެ.
"ހަގީގަތުގައި ޔުނައިޓެޑްގައި މިއޮތް ސްކޮޑުގައި ގިނައީ މިދިޔަ ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރި ކުޅުންތެރިން. އެހެން ކަމުން އެ ކާމިޔާބީ ތަކުރާރު ކުރެވިދާނެކަމާ މެދު ސުވާލެއް ނެތް. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ފުޓްބޯޅައިގައި އެންމެ އުނދަގޫ ކަމަކީ މުބާރާތެއް ދިފާއުކުރުން،" މޮރީނިއޯ ބުންޏެވެ.
މި މެޗަށް ނުކުންނައިރު މޮރީނިއޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތުމެވެ. އެ ޓީމުން ނުކުޅެވޭނެ ހަމައެކަނި ކުޅުންތެރިޔަކީ އެފްރިކަން ކަޕަށް ރިލީސްކޮށްފައިވާ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބާއީ އެވެ.
"އެންމެ ކުޅުންތެރިޔެއް ފިޔަވައި ބާކީ ހުރިހާ ކުޅުންތެރިން ތިބީ ފިޓްކޮށް. ޓީމުން ބަދަލުތަކެއް ފެންނާނެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ގިނަ ކުޅުންތެރިން ތިބީ ވަރުބަލިވެފައި،" މޮރީނިއޯ ބުންޏެވެ.
"މި ޓީމުގައި އެބަތިބި ކުޅުމުގެ ފުރުސަތު ނުލިބި އެކަމަށް ކެތްމަދުވެފައި ތިބި ގިނަ ކުޅުންތެރިން. އެ ކުޅުންތެރިންނަށް ފުރުސަތެއް ދިނުމަކީ އަހަރެން ކުރަން ވަރަށް ބޭނުންވެފައި ހުރިކަމެއް."
އޭނާ ބުނީ ޖަރުމަނުގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިސްޓައިގާ މި މެޗުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޔުނައިޓެޑާއި ދެކޮޅަށް ރެޑިން ނުކުންނައިރު އެ ޓީމު ކޯޗަކަށް ހުރީ ނެދަލެންޑްސްގެ ކުރީގެ ޑިފެންޑަރު ޔަޕް ސްޓާމް އެވެ. ސްޓާމް އަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިޔެކެވެ.
"މިއީ އަހަަންނަށް ވަރަށް ހާއްސަ މެޗެއް. އެކަމު ޓާގެޓަކީ ރެޑިން އަށް މި މެޗުން ކޮންމެވެސް ހިތްހަމަޖެހުމެއް ހޯދައިދިނުން،" ސްޓާމް ބުންޏެވެ.
ޔުނައިޓެޑު ދަނޑުގައި ރެޑިންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:30 ގަ އެވެ.