08 ޖެނުއަރީ 2017 - 07:44

ވޮޝިންޓަން (ޖެނުއަރީ 8) - އެމެރިކާގެ ވެރިކަމާ މި މަހު 20 ވަނަ ދުވަހު ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް "ތަސައްރަފު ފުދި ބޮޑު މީހަކަށް ވުމަށް" ނައިބް ރައީސް ޖޯ ބައިޑަން ގޮވާލައްވައިފި އެވެ.

ބައިޑަންގެ ފާޑު ކިޔުންތައް ޓްރަމްޕަށް އަމާޒުކޮށްފައި މި ވަނީ އެމެރިކާގެ އިންތިޚާބު ރަޝިޔާ އިން ހެކްކުރި ކަމަށް ބުނާ މައްސަލައިގައި އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ޓްރަމްޕް ފާޑު ވިދާޅުވަމުން ގެންދަވާތީ އެވެ. ބައިޑަން ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޖާސޫސީ އިދާރާތަކަށް އިތުބާރު ނުކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.
"ޖާސޫސީ އިދާރާތަކާއި ދިފާއީ މުއައްސަސާތަކުގެ އަޑު ރައީސް ނާއްސަވާ، އެ ތަން ތަނަށް އިތުބާރު ނުކުރެއްވުމަކީ ވަރަށް މޮޔަ ކަމެއް. ޖާސޫސީ އިދާރާތަކަށް ވުރެ ގިނަ މައުލޫމާތު އެނގޭ ކަމަށް އަމިއްލަ އަށް ބުނުމަކީ ޕްރޮފެސަރަށް ވުރެ ތިމާ މޮޅު ކަމަށް ބުނުން ކަހަލަ ކަމެއް،" ޕީބީއެސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ދެއްވާ ހަމަލާތަކުގެ ހިޔާލަކީ ކޮބައިތޯ ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ އޭނާގެ ނަސޭހަތީ ޓްރަމްޕް "ބޮޑު މީހަކަށްވުން" ކަމަށެވެ.
ބައިޑަން ވިދާޅުވީ އެމެރިކާގެ އިންތިޚާބު ރަޝިޔާ އިން ހެކްކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުން ޖާސޫސީ އިދާރާތަކުން ތައްޔާރުކުރި ރިޕޯޓް އޭނާ ވެސް ބައްލަވާފައިވާ ކަމަށެވެ. އަދި ރަޝިޔާ އިން އިންތިޚާބު ހެކްކޮށްފައިވާކަން ސާފުކޮށް އެ ރިޕޯޓުގައިވާ ކަމަށެވެ.
ސެނެޓުގެ އާމްޑް ސާވިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑިރެކްޓާ އޮފް ނޭޝަނަލް އިންޓަލިޖެންސް ޖެނެރަލް ޖޭމްސް ކްލެޕާ ވިދާޅުވެފައި ވަނީ އިންތިޚާބު ހެކް ކުރުމަށް އަމުރުކޮށްފައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށެވެ. އިންތިޚާބު ހެކް ކުރި މައްސަލާގައި ރައީސް ބަރަކް އޮބާމާ މިދިޔަ ހަފުތާގައި ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ 35 ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލުން ވެސް ހިމެނެ އެވެ.