އިންޑިއާގެ ކުންފުންޏަކަށް ވީތީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނަން: ސަރުކާރު
އިންޑިއާގެ ކުންފުންޏަކަށް ވީތީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނަން: ސަރުކާރު

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑު ގެއްލުމެއް ލިބުނު މައްސަލާގައި ހިމެނޭ އެފްކޮންސްއަކީ އިންޑިއާގެ ކުންފުންޏަކަށް ވާތީ ފިޔަވަޅު ނާޅާނެ ކަމަށް ކުރާ ތުހުމަތު ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭއަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިިދިޔަ މަހުގެ 16ގަ އެވެ. ބްރިޖް ހަދާ އެފްކޯންސްއަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އިންޑިއާގެ ވަރަށް ބޮޑު އެހީއަކާ އެކު އަޅާ ބްރިޖުގެ މަސައްކަތްކުރާ ކުންފުންޏަށް ސަރުކާރުން ފިޔަވަޅު އަޅަން ފަސް ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލާގައި "މިހާރު"ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވަކި ގައުމަކަށް ވީތީ ވަކި ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

"[ވިލިމާލެ ފަރަށް ލިބުނު ގެއްލުމާ ގުޅީގެން] ވަކި ގޮތެއް ހަދަން ނުވަތަ ވަކި ގޮތެއް ނުހަދާކަށް ސަރުކާރުން އިރުޝާދެއް ނުދޭނެ،" މިއުވާން ވިދާޅުވި އެވެ.

"ވަކި ގައުމަކުން އެހީ ދިނުމުން ހިންގާ ޕްރޮޖެކްޓަކަށް ވީތީ އޭގެ ތަފާތު ކުރުން ނޯންނާނެ."

އޭނާ ވިދާޅުވީ ޕްލެޓްފޯމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ހަދަމުން ދިޔަ ރިޕޯޓު މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

"މި ރިޕޯޓްތަކަކީ ދެ ފަރާތުގެ ކޮމެންޓު ބޭނުންވާނެ ކަންކަން. ރިޕޯޓު ތައްޔާރު ކޮށް އެ ބޭފުޅުންގެ [އެފްކޯންސް]ގެ ކޮމެންޓަށް ވާނީ ފޮނުވާފައި،" މިއުވާން ވިދާޅުވި އެވެ.

ވިލިމާލެ ފަރުގައި އެޅިފައި ހުރި ދަގަނޑުތަކާއި ކުނިތައް ސާފު ކުރުމަށް ފަހު ލިބިފައި ހުރި ގެއްލުންތައް ބަލައި އީޕީއޭ އިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ވުރެ ފުން ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.

ދަގަނޑު ހޮޅިތައް ޖެހިގެން އައި އިމްޕެކްޓާއި ގޭނިގެން ފަރަށް ލިބިފައި ހުރި ބޮޑެތި ގެއްލުންތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. ސާވޭ ހަދަން އުޅުން އީޕީއޭގެ ބައެއް ޑައިވަރުން ވަޅުގަނޑުގެ ތެރެއަށް ފީނާފައި އެކީ ވަދެގެން ވެސް ފޮޓޯ ނަގާފައި އެބަހުއްޓެވެ.

އެ މައްސަލާގައި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.