16 ސެޕްޓެމްބަރ 2022 - 07:39

ބޮލީވުޑްގެ މަޝްހޫރު ތަރި މަދޫރީ ޑިކްސިޓްގެ ކުރިއަށް އޮތް ފިލްމު، "މަޖާ މާ" އަންނަ މަހުގެ 6 ގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑައިރެކްޓަރު އަނަންދު ތިވާރީ ޑައިރެކްޓުކުރާ އެ ފިލްމަކީ އާއިލާ ޑްރާމާ އެކެވެ. އެ ފިލްމުގައި އިންޑިއާ މީހުން ފާހަގަކުރާ އެ ކުލަ ގަދަ އެކި ހަފްލާތަކުން ފެށިގެން އެ މީހުންގެ ވަރުގަދަ ކައިވެނިތަކުގެ މަންޒަރު ވެސް ފެންނާނެ އެވެ.
މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ ރޯލަކުން މަދޫރީ ފެންނަ އެ ފިލްމަކީ އެމެޒޮން ޕްރައިމްގައި އަންނަ މަހުގެ 6 ގައި ސްޓްރީމްކުރާ ފިލްމެކެވެ. މިއީ ފުރަތަމަ އިންޑިއަން އެމަޒޮން އޮރިޖިނަލް މޫވީ އެވެެ.
ފިލްމުގެ ފުރަތަމަ ލަވަ "ބޫމް ޕަޅީ" އިއްޔެ ރިލީޒްކޮށްފައިވާއިރު އެ ލަވަ ކިޔާފައި ވަނީ މަޝްހޫރު ބޮލީވުޑް ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އާއި އޮސްމާން މިރް އެވެ. ލަވައިގައި މަދޫރީގެ ނެށުމުގެ ފަރި ހަރަކާތްތައް ފެނެ އެވެ.
މަދޫރީ އެންމެ ފަހުން ފެނުނީ މިއަހަރު ނެޓްފްލިކްސްގައި ސްޓްރީމްކުރި ތުރިލާ ސީރީޒް، "ދަ ފޭމް ގޭމް" އިންނެވެ.