"ވިކްރަމް ވެދާ" 100 ގައުމެއްގައި އަޅުވާނެ
"ވިކްރަމް ވެދާ" 100 ގައުމެއްގައި އަޅުވާނެ

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން ލީޑު ރޯލު ކުޅޭ ފިލްމު، "ވިކްރަމް ވެދާ"، 100 ގައުމެއްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިއާ އެކު މި ފިލްމު ވަނީ މިއަހަރު މިހާ ބޮޑުކޮށް ޕްރިމީއާކުރާ ފިލްމަށެވެ.

މިމަހުގެ 30 ގައި ރިލީޒްކުރާ އެ ފިލްމު، ގިނަ ގައުމުތަކެއްގައި އަޅުވަން ނިންމީ ސައިފާއި ރިތިކް ކަހަލަ ވަރުގަދަ ދެތަރިން ލީޑުކުޅެ، އަދި ގިނަ ބައެއްގެ ލޯބި ފިލްމަށް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭތީ އެވެ.

ވިކްރަމް ވެދާއަކީ 2017 ގައި ރިލީޒްކުރި ތަމަޅަ ބްލޮކްބާސްޓާ "ވިކްރަމް ވެދާ" ގެ ހިންދީ ރީމެކެވެ. ހިންދީ ފިލްމަށް ވެސް އޮރިޖިނަލް ފިލްމުގެ ނަންދީފައިވާއިރު އެ ފިލްމުގެ ޑައިރެކްޓަރަކީ ތަމަޅަ ފިލްމު ޑައިރެކްޓްކުރި، ޕުޝްކާރު އާއި ގަޔަތުރީ އެވެ.

އެ ފިލްމުގައި ރިތިކް ފެންނާނީ ގޭންގް ސްޓާއެއްގެ ރޯލުންނެވެ. އަދި ސައިފް ފެންނާނީ ޕޮލިހެއްގެ ރޯލުންނެވެ.

އެ ފިލްމުގެ އޮރިޖިނަލް ބައިގައި ގޭންގް ސްޓާއެއްގެ ރޯލު ކުޅުނީ ތަމަޅަ ތަރި ވިޖޭ ސެތުޕަތީ އެވެ. އަދި ޕޮލިހަކަށް އުޅުނީ އާރް މާދަވަން އެވެ.

ހިންދީ ފިލްމުގެ ޓްރެއިލާ ނެރުމާ އެކު ވެސް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް އެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ. އަދި ބޮލީވުޑްގެ ފިލްމުތައް އެހާ ނުހިނގާ ދުވަސްވަރެއްގައި މިއީ ވަަރަށް އުއްމީދީ މަސައްކަތެއްގެ ގޮތުގައި ސިފަކުރެ އެވެ.