15 ސެޕްޓެމްބަރ 2022 - 13:59

ކައުންސިލްތަކެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެނުންނަށް ކޯޓާ ނުވަތަ ވަކި އަދަދަކަށް ގޮނޑި ހާއްސަކުރަން ގާނޫނުން ލާޒިމްވާ ގޮތަށް ހަދަންޖެހޭ ކަމުގެ ވިސްނުން، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކުރިއަށް ނެރުއްވައިފި އެވެ.

މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކުރަން މީގެ ކުރިން ވެސް ހުށަހަޅާފައިވެ އެވެ. އެކަމަކު އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަކުރަން މަޖިލީހުގެ އަޣުލަބިއްޔަތެއް އެއްވެސް ފަހަރަކު ނުލިބުނެވެ. މަޖިލީހަށް އިންތިހާބުވެވަޑައިގަން، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ ކޮންމެ ދައުރެއްގައި ވެސް ނިސްބަތުން މަދު އަންހެނުންތަކަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެން ވެސް އިތުރުވާ ގޮތަށް ގާނޫނުގައި މިހާރު އޮތުމުން، އަދަދު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މެމްބަރުންގެ އަދަދު މަދުކުރުމުގެ ވިސްނުމަށް ތާއީދު ކުރެއްވޭ ކަމަށެވެ. އެކަމަކު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މެމްބަރުންގެ އަދަދަށް ބަދަލު ގެންނައިރު ހުރިހާ ރައްޔިތުން ތަމްސީލްވާ ގޮތަށް މަޖިލިސް އެތުރެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރެއް ކަނޑައަޅާ ގޮތަށް ގާނޫނު އޮވެ އެންމެ ފަހުން 87 މެމްބަރުން އިންތިހާބުކުރިއިރު ވެސް މަޖިލީހުގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެމްބަރުން ކަން ނިޔާޒް ފާހަގަކުރެއްވި އެވެ. އަންހެނުން އިންތިހާބުވި އަދަދު މަދުވުން އޭނާ ނެންގެވީ ކަންބޮޑުވުމެއްގެ ގޮތުގަ އެވެ.
މަޖިލީހުގައި އަންހެން މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.
"ހުރިހާ މެމްބަރުންނަށް ވެސް ފުރުސަތު އެބައޮތް ވާދަކުރަން. އަދި އެ ބޭފުޅުން [ހޮވިވަޑައިގަތް އަންހެން މެމްބަރުން] ވާދަކުރެއްވި. ފިރިހެން ބޭފުޅުންނާ ވާދަކުރައްވައިގެން ހޮވިވަޑައިގަތީ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ކަންކަން؛ ވަކިން ހާއްސަކޮށް ސިޔާސީ ކަންކަން މި އޮންނަ ގޮތުން ސިޔާސީ ވާދަވެރި ކަމުގައި އިންތިހާބުތަކުގައި އަންހެނުންނަށް ވާދަކޮށް ފިރިހެނުންގެ މައްޗަށް ކުރިއެރުން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވި އަންހެން މެމްބަރުން ވާދަކުރައްވައިގެން ހޮވިވަޑައިގަތަސް ޖުމްލަކޮށް ބަލާއިރު އެހާ ފަހި ފުރުސަތެއް އެކަމުގައި ފަހިވެފައި ނެތް ކަން ދިރާސާތަކުން އެނގެ އެވެ. މި ހަފުތާގައި ލ. ގަމުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސްގައި ވެސް މިކަމުގެ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދިޔަ ކަން ނިޔާޒް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ، ލޯކަލް ކައުންސިލްގައި އޮންނަ ގޮތަށް ކޯޓާ ކަނޑައެޅިގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަންހެނުން ތަމްސީލްކުރުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެއީ އެ ބިލާ މެދު މަޖިލީހުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާއިރު ރިއާޔަތްކުރަން އެދިވަޑައިގަންނަވާ ކަމެއް ކަަމަށެވެ.
އެ ބިލާ މެދު މެމްބަރުން އިއްޔެ ބަހުސްކުރެއްވި އިރު އަދަދު މަދުކުރުމުގެ ވިސްނުން ވެސް ހުރީ ދެ ކަފިވެފަ އެވެ. ބައެއް މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީގައި މެމްބަރުންގެ އަދަދު ކަނޑައަޅަންވާނީ މިހާރަށް ވުރެން ބޮޑަށް ހިޔާލާއި މަޝްވަރާތަކަށް ފަހު އެވެ. އަނެއް ބަޔަކު ވާހަކަ ދެއްކެވީ، މަޖިލީހުގައި މެމްބަރުންގެ އަދަދު އިތުރުނުވާ ގޮތަށް ގާސިމް ހުށަހެޅުއްވި އިސްލާހާ އެއްކޮޅަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމުގެ މަސައްކަތް ގާނޫނުއަސާސީ ލިއުއްވުމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ކުރީގެ މިނިސްޓަރު އަނީސާ އަހްމަދު ކުރެއްވި އެވެ.
އަނީސާ ފުރަތަމަ އެދިވަޑައިގަތީ މަޖިލީހުގެ 15 ޕަސެންޓްގެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރާށެވެ. އޭގެ ފަހުން ހުށަހެޅުއްވީ، 10 ގޮނޑި އަންހެނުންނަށް ހަމަޖައްސާށެވެ. އެ ހުށަހެޅުން، އޭރުގެ ޚާއްސަ މަޖިލީހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެންޑާއެއް ނުކުރެއްވި އެވެ. ކައުންސިލްތަކުން އަންހެނުންނަށް ކޯޓާ ކަނޑައެޅުމާ ވެސް ފާޅުގައި ދެކޮޅުހައްދަވާ އެއް ބޭފުޅަކީ ގާސިމެވެ.
އޭނާ ދެކެވަޑައިގަންނަވަނީ ކޯޓާ ކަނޑަނޭޅިއަސް އަންހެނުންނަށް ހަމަހަމަ ފުރުސަތު ވާދަކުރަން އޮތް ކަމަށެވެ.
އަނީސާ ވިދާޅުވެފައިވާ ގޮތުގައި ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ށ. އަކީ އަންހެނުން ބާރުވެރި ކުރުވުމަށް ކޯޓާ ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހިކުރުމަށް ޚާއްސަކޮށް ލިއުނު މާއްދާއެކެވެ.
އެ މާއްދާގައިވާ ގޮތުން، "މުޖުތަމައުގެ އާއްމު ހާލަތަށް ވުރެ ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައި ނުވާނެ" އެވެ.
ކައުންސިލްތައް ވެސް ކުރިން އެކުލެވިފައި އޮންނަނީ އަންހެނުންގެ ދައުރެއް ނޯންނަ ގޮތަށެވެ. އެކަމަކު އެކަން މި ސަރުކާރުގައި ވަނީ ބަދަލުކޮށްފަ އެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް ގޮނޑިތައް އަންހެނުންނަށް ހާއްސަކުރަން ޖެހެ އެވެ. މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރި ފުރަތަމަ ފަހަރެވެ.