ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު ފައިބްރޮއިޑެއް ނައްތާލައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު ފައިބްރޮއިޑެއް ނައްތާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު ފައިބްރޮއިޑެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ނައްތާލައިފި އެވެ.

އެ ފައިބް ރޮއިޑަކީ، 12x10x10 ސެންޓިމީޓަރުގެ ފައިބްރޮއިޑެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އެ ފައިބްރޮއިޑް ނައްތާލައިފައި ވަނީ ލެޕަރޮސްކޮޕިކް މައިއޮމެކްޓޮމީ އޮޕަރޭޝޭނަކުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެއީ ރާއްޖޭގައި އެ ފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ބުންޏެވެ.

ޓްރީ ޓޮޕުން ބުނީ، ލެޕަރޮސްކޮޕިކް މައިއޮމެކްޓޮމީ އަކީ ރަހިމު ނުނަގާ، ރަހިމަށް ގެއްލުން ނުވާގޮތަށް ފައިބްރޮއިޑް ނައްތާލުމަށް ކުރާ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ އަންހެނުންގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް ޑރ. މަހްމޫދު އަބޫބަކުރު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެސިސްޓަންޓެއް ގޮތުގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރ ޑރ. ރިޝީ ކާންތު، އަދި ދެވެނަ އެސިސްޓަންޓެއް ގޮތުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑރ. ޕްރީތީ ސޮލޮމޮން ހަރަކާތްތެރިވެފައި ވާ ކަމަށް ވެސް ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ އެ އޮޕަރޭޝަނުގައި އެނެސްތެޓިސްޓްއަކަށް ހަރަކާތްތެރިވެ ވަޑައިގަތީ ޑރ. އައިމިނަތު ފިއުނާ ކަމަށެވެ.

ޑރ. މަހުމޫދު ވިދާޅުވީ އެ ފައިބްރޮއިޑް ނެގުމަށް 4 ކުޑަ ލޯވަޅު ތޮރުފަން ޖެހުން ކަމަށާއި، ކޮންމެ ލޯވަޅަކީ ފަސް މިލިމީޓަރާއި 10 މިލިމީޓަރާއި ދެމެދުގެ ކުޑަ ލޯވަޅުތަކެއް ކަމަށެވެ. އަދި އޮޕަރޭޝަން ކާމިޔާބުކަމާއި އެކު ނިމިފައިވާ ކަމަށާއި، ޕޭޝަންޓު މިހާރު ރިކަވާވަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

ޓޮރީ ޓޮޕުން އެ އޮޕަރޭޝަން ކޮށްފައިވާ ޕޭޝަންޓަކީ މޮރިޝަސްއަށް ނިސްބަތްވާ 39 އަހަރުގެ އެމިލީ އެލެގަންޓޭއެވެ. އޭނާ މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާތީ އެ ހޮސްޕިޓަލަށް ދެއްކުމުން ފައިބްރޮއިޑެއް އުފެދިފައިވާ ކަން ދެނެގަނެވުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފައިބްރޮއިޑަކީ ރަހިމުގެ މަސްގަނޑުގައި އުފެދޭ ޓިއުމަރުގެ ވައްތަރެކެވެ. ފައިބްރޮއިޑުގެ ވައްތަރު ނުވަތަ ސައިޒް އަދި އުފެދިފައި ހުރިތަނުގެ ސަބަބުން އެކި މީހުންނަށް ތަޖުރިބާ ކުރެވޭނީ އެކި އަލާމާތްތައް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕުން ބުނީ އެ އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި ޑރ. މަހްމޫދު އަބޫބަކުރަކީ، އަންހެނުންގެ ބަލިތަކުގެ ދާއިރާއިން 12 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ޑޮކްޓަރެއް ކަމަށެވެ. އަދި އިންފާޓިލިޓީ މެނޭޖްކުރުމާއި، އައި.ޔޫ.އައި، އައި.ވީ.އެފް ހިސްޓެރެސްކޮޕީ އަދި ލެޕްރޮސްކޮޕިކް ޕްރޮސީޖަރުތަކުގެ ތަޖުރިބާ ވެސް ހުރި ޑޮކްޓަރެއް ކަން ވެސް އެ ހޮސްޕިޓަލުން ފާހަގަ ކުރެއެވެ.

ޑރ. މަހްމޫދް އެމް.ބީ.ބީ.އެސް ހާސިލްކުރެއްވީ މިސްރުގެ މަންސޫރާ ޔުނިވާސިޓީއިންނެވެ. އަދި އަންހެނުންގެ ހާއްސަ ބަލިތަކާއި، އިންފާޓިލިޓީ ދާއިރާއިން ވަނީ މިސްރުގެ މަންސޫރާ ޔުނިވާސިޓީން މާސްޓާސް ވެސް ހާސިލްކުރައްވައިފަ އެވެ. ޑރ. މަހްމޫދް ވަނީ އިންފާޓިލިޓީ އަދި އައި.ވީ.އެފް ދާއިރާއިން އެކި ސެޓުފިކެޓު ވެސް ހާސިލް ކުރައްވައިފަ އެވެ.