06 ޖެނުއަރީ 2017 - 20:38

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު ލިޓަރަކުން 30 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
އެސްޓީއޯ އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާ އެކު މިއަދުން ފެށިގެން ލިޓަރެއް ލިބޭނީ 9.35ރ. އަށް ކަމަށެވެ.
ޕެޓްރޯލްގެ އަގު ބޮޑުކުރީ އެ ކުންފުނިން ބުނިގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެންނެވެ.
ޕެޓްރޯލްގެ އަގު ބޮޑުކުރިއިރު، އެސްޓީއޯ އިން ވަނީ ފެނަކަ އާއި ސްޓެލްކޯ އަށް ޑީސަލް ވިއްކާ އަގު ވެސް ދާދި ފަހުން ބޮޑުކޮށްފަ އެވެ. މި ބަދަލު ގެނައީ ވެސް އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި، ބައިނަލްއަގުވާމީ މާކެޓްގައި ތެލުގެ އަގު ވެސް ބޮޑުވާތީ އެވެ.
އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ޝެޑުތަކުން އާއްމުންނަށް ވިއްކާ ތެލަކީ އެ ކުންފުނީގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ.
ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ އެވްރެޖްކޮށް 52 ޑޮލަރުގަ އެވެ. އެކަމަކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ޑިސެމްބަރު 2015 ގައި 36 ޑޮލަރަށް ވެސް ވެއްޓުނެވެ.
އޭގެ ފަހުން ތެޔޮ ފީފާއެއްގެ އަގު ފުރަތަމަ ފަހަރަށް 50 ޑޮލަރަށް ވުރެ މައްޗަށް އެރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މިހާރު ކުޑަކޮށް އަނެއްކާވެސް އަގު މައްޗަށް ޖެހިލީ އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ ވަރު މަދުކުރަން ނިންމުމުންނެވެ.