ގޯރީގެ "ޑްރީމް ހޯމް" ގެ ޓްރެއިލާއެއް ދައްކާލައިފި
ގޯރީގެ "ޑްރީމް ހޯމް" ގެ ޓްރެއިލާއެއް ދައްކާލައިފި

ބޮލީވުޑްގެ ތަރި ޝާހުރުކް ޚާންގެ އަނބިމީހާ އަދި އިންޓީރިއާ ޑިޒައިނަރު ގޯރީގެ "ޑްރީމް ހޯމް" ގެ ޓްރެއިލާއެއް ދައްކާލައިފި އެވެ.

"ޑްރީމް ހޯމް ވިތު ގޯރީ ޚާން" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޝޯއަކީ ގޭތެރެ ރީތިކޮށްލާ ގޮތްތައް ދައްކުވައިދޭ ޝޯއެކެވެ.

މިރްޗީ ޕްލަސް އެޕާއި ޔޫޓިއުބް މެދުވެރިކޮށް ފިލްމު ދައްކަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް ޓްރެއިލާ ދޫކޮށްލަމުން ގޯރީގެ ފިރިމީހާ ޝާހު ބުނެފައިވެ އެވެ.

އެ ޝޯގައި ބޮލީވުޑްގެ އެކި ތަރިންގެ ގޭގެ އިންޓީރިއާ ޑިޒައިން އޭނާ ކުރާނެ އެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފާއި މަލައިކާ އަރޯރާ އަދި ފާރާހް ޚާނާއި ކަބީރު ޚާން އަދި މަނީޝް މަލޯތުރާގެ ގެ ހިމެނެ އެވެ.

މުޅި ގެ ބަދަލުކޮށްލާ ގޮތް ތަރިންނަށް ވަރަށް ބޮޑަށް ކަމުގޮސްގެން އުޅޭ މަންޒަރު ވެސް ޓްރެއިލާ އިން ދައްކައެވެ.

ޝާހު އާއި ގޯރީ، އެމީހުންގެ ކުދިންނާ އެކު ދިރިއުޅެމުން އަންނަ "މަންނަތު" އިން ވެސް ފެންނަނީ ގޯރީގެ ހުނަރެވެ. މުޅި ގޭގެ އެތެރެ ޑިޒައިންކުރީގެ ގޯރީ އެވެ. އޭނާ ވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ބައެއްގެ ގެ ރީތިކޮށްދީފަ އެވެ.