14 ސެޕްޓެމްބަރ 2022 - 12:10

ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށާއި އެ އަތޮޅުގެ ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ 12 ދާއިރާއަކުން 23 ސްޕެޝަލިސްޓް ޑޮކްޓަރުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. އެއީ ހޭނައްތާ ޑޮކްޓަރުން، އޮޕަރޭޝަން ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، އެތެރެހަށީގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން، ކަށީގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، ކަރުންމަތީގެ ޑޮކްޓަރުން، ލޮލުގެ ޑޮކްޓަރުން، ސައިކޭޓްރިސްޓުން އަދި ރޭޑިއޮލޮޖިސްޓުންނެވެ.
އުނގޫފާރު ހޮސްޕިޓަލާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން 72 ނަރުހުންނާއި 34 މެޑިކަލް އޮފިސަރުން ހޯދަން ވެސް އިއުލާންކޮށްފައިވެ އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
މިދިޔަ މަހު ވަނީ ފުވައްމުލަކު ހޮސްޕިޓަލަށާއި ނ. އަތޮޅު ހޮސްޕިޓަލަށް އަދި ޅ. އަތޮޅު ހޮސްޕިޓަލަށް ވެސް ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފަ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ނެގުމަށް އިސްކަންދޭނެ އެވެެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުން ދަތިވެ، ސަރުކާރުން މިދިޔަ ޖޫން މަހު ވަނީ ރާއްޖެ އަށް ކިއުބާ އިން 26 ޑޮކްޓަރުން ގެނެސްފަ އެވެ. އަދި އޭގެ ފަހުން ވެސް 100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ހޯދަން ވެސް ހެލްތު މިނިސްޓްރީން އިއުލާންކުރި އެވެ.