06 ޖެނުއަރީ 2017 - 19:54

މޮސްކޯ (ޖެނުއަރީ 6) - ސީރިއާގައި ތިބޭ ރަޝިޔާ ސިފައިން މަދުކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ. މި ގޮތުން ސީރިއާ ސަރަހައްދު ދޫކޮށް ފުރަތަމަ ދާނީ ރަޝިޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.

ރަޝިޔާ ސިފައިން މަދުކުރާކަން އިއުލާންކޮށްފައި މިވަނީ ސީރިއާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައި ވަނިކޮށެވެ. ސީރިއާ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ރަޝިޔާ އިން ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ ސެޕްޓެމްބަރު، 2015 ގަ އެވެ.
"ރަޝިޔާ ސިފައިންގެ ސުޕްރީމް ކޮމާންޑާ ލަޑިމިއާ ޕުޓިންގެ ނިންމެވުމާ އެއްގޮތަށް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ވަނީ ސީރިއާގައި ތިބޭ ލަޝްކަރު މަދުކުރަން ފަށާފައި،" ސިފައިންގެ ވެރިޔާ ޖެނެރަލް ވަލެރީ ގެރަސިމޯފް ވިދާޅުވި އެވެ.
ސީރިއާގައި ތިބޭ ރަޝިޔާ ސިފައިންގެ ކޮމާންޑާ ކާނަލް ޖެނެރަލް އަންދުރޭ ކާޓަޕޮލޯފް ވިދާޅުވީ ސީރިއާގެ ވައިގެ ސިފައިންގެ ގާބިލްކަން މިހާރު އިތުރުވެފައިވާތީ މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ވެސް ސީރިއާ އިން ފުރުމުގެ އިންތިޒާމްތައް ނިމިފައިވާ ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް ސީރިއާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެފައިވާތީ ރަޝިޔާ އާއި ތުރުކީ އަދި އީރާނުން މިހާރު ދަނީ ސުލްހައިގެ ވާހަކަތައް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.