އިތުރު ކްލަބްތަކެއް ގަންނަން ޗެލްސީގެ ބޯލީ ޝައުގުވެރިވެއްޖެ
އިތުރު ކްލަބްތަކެއް ގަންނަން ޗެލްސީގެ ބޯލީ ޝައުގުވެރިވެއްޖެ

ނިއު ޔޯކް (ސެޕްޓެމްބަރު 14) - އިތުރު ކްލަބްތަކެއް ގަންނަން ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ނިއު ޔޯކުގައި އޮތް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ބޯލީ ވިދާޅުވީ ރެޑްބުލް ގުރޫޕް އާއި ސިޓީ ފުޓްބޯލް ގުރޫޕުން ގިނަ ކްލަބްތަކެއް ކާމިޔާބު ކަމާއެކު ހިންގާތީ އެ ހިޔާލު އޭނާ އަށް ވެސް ކަމުދާ ކަމަށެވެ.

ރެޑްބުލް ގުރޫޕުގެ މިލްކިއްޔާތުގައި އޮންނަ ދެ ކްލަބަކީ ޖަރުމަންގެ ލައިޕްޒިގް އާއި އޮސްޓްރިއާގެ ސަލްސްބާގް އެވެ. އެ ދެ ކްލަބް ވެސް މި އަހަރު ޗެމްޕިއަންސް ލީގުގައި ވާދަ ކުރެ އެވެ.

"ރެޑްބުލް އިން އެކަން އެ ކުރަނީ ވަރަށް ކާމިޔާބު ކަމާއެކު. އެއީ އަހަންނަށް ވަރަށް ކަމުދާ ގޮތެއް،" ބޯލީ ވިދާޅުވި އެވެ.

މެންޗެސްޓާ ސިޓީގެ މިލުކުވެރިކަން އޮންނަ ސިޓީ ގުރޫޕުން ވަނީ ދުނިޔޭގެ އެކި ބައްރުތަކުން އެކި ކްލަބްތައް ގަނެފަ އެވެ.

އެމެރިކާގެ ބިލިއަނަރު ވިދާޅުވީ ވިސްނުމަކީ ޔޫރަޕްގެ އެހެން ލީގެއްގެ ކްލަބެއް ގަތުން ކަމަށެވެ. އޭގެ ބޭނުމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޗެލްސީގެ ހުނަރުވެރި ޒުވާން ކުޅުންތެރިން ލޯން އުސޫލުން އެ ކްލަބަކަށް ދޫކޮށް އެ ކުޅުންތެރިން ޑިވެލޮޕް ކުރާނެ ފުރުސަތު ހޯދައިދިނުމެވެ.

"އެއް ކްލަބަށް ވުރެ ގިނަ ކްލަބްތައް ހިންގުމުގެ މޮޑެލް އާ ބެހޭގޮތުން އަހަރެމެން ވާނީ މިހާރު ވާހަކަ ދައްކާފައި،" ބޯލީ ވިދާޅުވި އެވެ.

ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗްގެ މިލްކިއްޔާތުގައި ކުރިން އޮތް ޗެލްސީ ގަންނަން ބޯލީގެ ކޮންސޯޓިއަމުން ވަނީ ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އަދި އެ ކްލަބް ގަތުމުގެ އެއްބަސްވުމުގައި ވާ ގޮތުން އިތުރު ދެ ބިލިއަން ޑޮލަރު ޗެލްސީ އަށް ބޯލީގެ ކޮންސޯޓިއަމުން ހޭދަ ކުރަން ޖެހޭނެ އެވެ.