އާ އޮނިގަނޑުން ފުޓްބޯޅައަށް އަންނާނީ ކޮން ބަދަލެއް؟
އާ އޮނިގަނޑުން ފުޓްބޯޅައަށް އަންނާނީ ކޮން ބަދަލެއް؟

ފުޓްބޯޅަ އެސޯސިއޭޝަނުގެ އާ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެންމެ ބޮޑު އެއް ވައުދަކީ އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ފުޓްބޯޅައިގެ މަތީ ފަޑިން ރަނގަޅު ފުރުސަތުތަކެއް ހޯދައިދެއްވުމެވެ. އެފްއޭއެމުން އެކުލަވާލި ދިވެހި ފުޓްބޯޅައިގެ އާ އޮނިގަނޑާ އެކު، އަތޮޅު ޓީމުތަކަށް މި ވަނީ ރަނުގެ ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާއި އަތޮޅު ޓީމުތައް އެއް ހަމަޔަކަށް ގެނެސްފައިވާއިރު މި ބަދަލާ އެކު ފުޓްބޯޅައިގެ ފޯރިގަދަވެގެންދާނެ ކަމަށް ބެލެވެ އެވެ.

އާ އޮނިގަނޑުން ފުޓްބޯޅައަށް އަންނާނީ ކޮން ބަދަލެއް؟
އާ އޮނިގަނޑުން ފުޓްބޯޅައަށް އަންނާނީ ކޮން ބަދަލެއް؟

ދިވެހި ލީގު ރި-ބްރޭންޑްކޮށް ޕްރިމިއާ ލީގުގެ ނަމަށް ބަދަލުކޮށް އިނާމް ފައިސާ ބޮޑުކޮށްގެން ކުޅޭތާ ދެ އަހަރުވީ އެވެ. އެކަމަކު އަދިވެސް ވައިގައި ހިފާ ގޮތެއް ނުވެ އެވެ. ސަޕޯޓަރުންގެ އަދަދު މަދުވެ ފޯރި ހިފާގޮތް ނުވެ އެވެ. މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލަން ނިސްބަތުން މާ ގިނަ ސަޕޯޓަރުން ވަނެވެ އެވެ. އެއާ އެކު ދިވެހި ޕްރިމިއާ ލީގަށް ބަދަލުތަކެއް ގެންނަން ދެކެވޭ ވާހަކަތަކަށް ބާރު ލިބުނެވެ.

އާ އޮނިގަނޑުން ފުޓްބޯޅައަށް އަންނާނީ ކޮން ބަދަލެއް؟
އާ އޮނިގަނޑުން ފުޓްބޯޅައަށް އަންނާނީ ކޮން ބަދަލެއް؟

އެފްއޭއެމުން ގެނައި އާ ބަދަލަކާ އެކު މިނިވަން ޗެމްޕިއަންޝިޕް ނުވަތަ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. އަނެއް ހަތަރު ޖާގަ ލިބޭނީ ކުރިން ޕްރިމިއާ ލީގުގައި ވާދަކުރި އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށެެވެ. މާނަ އަކީ ރާއްޖޭގެ އެންމެ ބޮޑު ލީގުން ފުރުސަތު ހޯދުމަށްޓަކައި، ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ވެސް ހަނގުރާމައެއް ކުރަން ޖެހުމެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފޯމެޓަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އަތޮޅު ބުރެއް ކުޅުމަށް ފަހު ދެން ހުރިހާ ޒޯން ޗެމްޕިއަނުންނެއްގެ މެދުގައި މާލޭގައި ކުޅެވޭނީ ލީގު ބުރެކެވެ. ޕްރިމިއާ ލީގަށް ދާނީ މި ލީގު ބުރުގެ ގަދަ ހަަތަރު ޓީމެވެ.

"ހަގީގަތުގައި ފަށައިގަތުމަކަށް ބަލާއިރު މި ބަދަލުތައް ވަރަށް ސަޅި. ކޮންމެ ގޮތެއްވިޔަސް ރާއްޖޭގައި ވަސީލަތްތައް މިއޮތް ގޮތުން ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅެވެން އަދި ނެތް. އެންމެ ދަނޑެއްގައި ކުޅެން މި ޖެހެނީ. އަތޮޅުތަކަށް ފުޓްބޯޅަ ފުޅާކުރަން ބަލާއިރު އެބަޖެހޭ ރަނގަޅު ފެންވަރަކަށް އަތޮޅުތަކުގެ ދަނޑުތައް ޑިވެލޮޕް ކުރަން،" މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމެއްގެ މެނޭޖަރަކު ބުންޏެވެ.

މީގެ ކުރިން ވެސް ދިވެހި ލީގުން ވަނީ އަތޮޅު ފުޓްބޯޅަ މުބާރާތް (އޭރު ޒޯން ޗެމްޕިއަންސް ލީގު) ގެ ގަދަ ދެ ޓީމަށް ފުރުސަތު ދީފަ އެވެ. އެކަމަކު މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވި ދަތިތަކާ އެކު، އެ ޓީމުތަކަށް ހިފަހައްޓައެއް ނުލެވުނެވެ. މި ފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟

ބައްސާމް ވިދާޅުވީ އަތޮޅު ޓީމުތަކުން މިނިވަން ޗެމްޕިއަންޝިޕްގެ ލީގު ބުރާއި ޕްރިމިއާ ލީގުގައި ކުޅެން ހަތަރު މަސް ދުވަހު މާލޭގައި މަޑުކުރަން ޖެހޭނެ ކަމަށާއި އެކަމަށް ޓީމުތަކަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ބަދަލާ އެކު ސަޕޯޓަރުން އިތުރުވާނެ ކަމަށް އެފްއޭއެމުން ދެކެ އެވެ. ސަބަބަކީ އަތޮޅު ޓީމުތައް ކުޅޭއިރު މާލޭގައި ތިބި އެ ރަށެއްގެ ރައްޔިތުން ދަނޑަށް ވަންނާނެތީ، އެހެން ކްލަބްތަކުން ވެސް ސަޕޯޓަރުން އިތުރުކުރަން މަޖުބޫރުވުމެވެ.

"މިސާލަކަށް އޭދަފުށްޓާއި މާޒިޔާ ކުޅޭ މެޗަށް އޭދަފުށީ ސަޕޯޓަރުން ވަންނާނެ. އެހެންވެއްޖެނަމަ މާޒިޔާ އަށް ވެސް މަޖުބޫރުވޭ އެބަ ސަޕޯޓަރުން ގެންނަން. މި ބަދަލަކީ ފުޓްބޯޅަ ފޯރިއަށް ވަރަށް މުހިއްމު ބަދަލެއް،" ބައްސާމް ވިދާޅުވި އެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުމުގެ ފެންވަރު ރަނގަޅެވެ. ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގިނަވެ މޮޅު ފުޓްބޯޅައެއް ފެނިގެންދެ އެވެ. އެކަމަކު ތިން ބުރަށް ލީގު އޮވެ، ދިގު މުއްދަތަކަށް ދެމިގެންދާތީ ފޯރި ނުހިފަ އެވެ. މީގެ ކުރިން ރާއްޖޭގައި ކަޕްވިނާސްކަޕާއި އެފްއޭ ކަޕާއި މާލޭ ލީގާއި ދިވެހި ލީގު އަދި ޕްރެޒިޑެންޓްސް ކަޕް ކުޅުނުއިރު އޮންނަ ފޯރި މިހާރު ނެތެވެ.

މި ފަހަރު ގެނައި ބަދަލާ އެކު ވާދަވެރިކަން ދެ ގުނަ ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ޕްރިމިއާ ލީގުގައި ކުޅެލުމުގެ ފުރުސަތު ހޯދުމަށް އިތުރު ހަރުފަތެއް ގިރާކުރަން ޖެހޭނެތީ އެވެ. ޕްރިމިއާ ލީގަށް ހޮވޭނީ މާލޭ ލީގުގެ ގަދަ ހަތަރެކެވެ. އަނެއް ހަތަރު ޓީމު މި ޖެހެނީ ޖެހިގެން އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ހޯދަން ދެ ވަނަ ޑިވިޝަންގެ ގަދަ ދެ ޓީމާ އެކު މާލޭ ލީގު ކޮލިފައިން ލީގު ބުރެއް ކުޅޭށެވެ. އެހެންކަމުން ހުރިހާ މުބާރާތެއްގައި ވެސް ހާސިލްކުރަންޖެހޭ ޓާގެޓްތަކެއް އޮތުމުން ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

މި ބަދަލާ އެކު މާލެ ލީގުގެ އެންމެ ފުލަށްދާ ޓީމެއް އޮޓަމެޓިކުން ރެލިގޭޓްވާ ބައި އުވުނީ އެވެ. އަދި ދެ ވަނަ ޑިވިޝަން ޗެމްޕިއަނަށް މާލޭ ލީގުން ސީދާ ޖާގައެއް ނުލިބޭނެ އެވެ އެހެން ނަމަވެސް މާލެ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބޭ އަނެއް ހަތަރު ޓީމަށް ރެލިގޭޓް ވުމުގެ ބިރު އޮންނާނެ އެވެ. އެއީ މާލެ ލީގުގެ ކޮލިފައިން ޕްލޭއޮފް ލީގު ބުރުގެ ގަދަ ހަތަރަކުން އެ ޓީމަކަށް ޖާގަ ނުލިބިއްޖެނަމަ ޖެހިގެން އަންނަ އަހަރުގެ މާލެ ލީގުން ފުރުސަތު ނުލިބޭނެތީ އެވެ. އެ ދެ ޓީމެއް ޖެހޭނީ ދެ ވަނަ ޑިވިޝަންގައި ކުޅޭށެވެ.

"ފޯރި އާއި ވާދަވެރިކަމަށް ބަލާއިރު މިއީ ރަނގަޅު ބަދަލެއް. އެއީ ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު ކުރިން އޮތް ގޮތުން ތިން އަހަރު ތެރޭގައި ރާއްޖޭގެ އެންމެ މަތީ ޑިވިޝަނަށް ފަސޭހައިން ޕްރޮމޯޓް ވުމުގެ ފުރުސަތު އެބައޮތް. އެކަމަކު މި ބަދަލާ އެކު އިތުރު ގޮންޖެހުންތަކެއް އޮންނާނެ. އެއީ ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން އުނދަގޫވާނެތީ،" ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދިން ފަރާތަކުން ބުންޏެވެ.

ރާއްޖޭގައި ކުޅޭ ގިނަ ބިދޭސީ ކުޅުންތެރިން ވެސް ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއަރަން އުނދަގޫވަނީ ވާދަވެރި މެޗުތައް މަދުކަމުން ކަމަށް ބުނެފަ އެވެ. ކުރީގެ އުސޫލަށް ބަލާއިރު ފުރަތަމަ ޑިވިޝަން ކުޅުންތެރިޔަކަށް އަހަރެއްގެ ތެރޭ ކުޅެން ލިބެނީ 30 އަށް ވުރެ މަދު މެޗެކެވެ.

ދުނިޔޭގެ ގިނަ ގައުމުތަަކަށް ބެލި ކަމުގައި ވިޔަސް ކްލަބް ފެންވަރުގައި އެ ގައުމެއްގެ އެންމެ މަތީ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންނަށް އަހަރަކު މަދުވެގެން 35 މެޗު ކުޅެން ލިބެ އެވެ.

މި ބަދަލާ އެކު ސީޒަންގެ ހުރިހާ މުބާރާތެއްގައި ކުޅޭ ކްލަބެއްގައި ގަވާއިދުން ކުޅޭ ކުޅުންތެރިޔަކަށް 30 އަށް ވުރެން ގިނަ މެޗު ލިބޭނެ އެވެ. އެއީ މާލޭ ލީގުގެ 14 މެޗާއި ޕްރިމިއާ ލީގުގެ 14 މެޗާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި އޭއެފްސީ ކަޕްގެ މެޗުތައް ހިމަނައިގެންނެވެ.

އެފްއޭއެމުން ގެނައި އާ ބަދަލުތަކާ މެދު ގިނަ ބަޔަކު ހިތްހަމަޖެހެ އެވެ. ޓެކްނިކަލީ ބަލާއިރު އަދި ފުޓްބޯޅައިގެ ފޯރިއަށް ބަލާއިރު މި ބަދަލުތައް ރަނގަޅެވެ. އެކަމަކު މި ބަދަލުތަކުން ނުކުންނަ ނަތީޖާތައް ބަލައި، ދިރާސާކޮށް ގެންނަން ޖެހޭ އާ ބަދަލެއް އޮތިއްޔާ ގެނެސް ދެމެހެއްޓެނެވި ގޮތަކަށް މިކަން ކުރަން ޖެހެ އެވެ. އަދި އަތޮޅު ޓީމަތަކަށް ވެސް ރަނގަޅު މާލީ އެހީތެރިކަމެއްދީ، އެ ޓީމުތަކަށް ވެސް ރަނގަޅު ވާދައެއްކުރެވޭ ފަދަ މާހައުލެއް ތަނަވަސްކޮށްދޭން ޖެހެ އެވެ. އެހެން ނޫނީ ރާއްޖޭގެ އެންމެ ބޮޑު ލީގުގައި، މުޅި ރާއްޖޭގެ ބައިވެރިވުން އޮތަސް އެ ބައިވެރިވުމުގެ ހަގީގީ ފައިދާއެއް ނުކުރާނެ އެވެ.