14 ސެޕްޓެމްބަރ 2022 - 09:46

މާސީސައިޑް (ސެޕްޓެމްބަރު 14) - އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް އެންމެ ފަހު ވަގުތުގައި ޑިފެންޑަރު ޖޮއެލް މަޓިޕް ޖަހައިދިން ލަނޑުން، ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގެ ފުރަތަމަ މޮޅު 2-1 އިން ހޯދައިފި އެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ޑިއޯގޯ ޖޮޓާ ދިން ޕާހަކުން މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ 10 މިނިޓު ފަހުން އަޔެކްސް އިން އެއްވަރުކުރީ އެޓީމުގެ ގާނާ މިޑްފީލްޑަރު މުހައްމަދު ކުޑޫސް އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އަޔެކްސްގެ ގޯލަށް ފޮނުވާލި ނަމަވެސް، ޖޮޓާ އާއި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. އަދި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އާއި ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާތައް އަޔެކްސްގެ ކީޕަރު ރެމްކޯ ޕަސްވީރު، 38، ދިފާއު ކުރި އެވެ.
ދެވަނަ ހާފުގައި ޖޮޓާ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރާ ދިމާއަށް ފޮނުވާލެވުނު އިރު، ތިއާގޯ އަލްކަންތާރާ އޭރިއާ ބޭރުން ފޮނުާލި ހަމަލާއެއް ވެސް ކީޕަރު ދިފާއު ކުރި އެވެ. އަދި ހާވީ އެލިއޮޓް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ބޭރުން އަރިމަތީ ދާގަނޑަށެވެ.
އަޔެކްސް އަށް ގޯލު ޖަހަން މާ ގިނަ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. ޑުސާން ޓަޑިޗް ކުރަސްކޮށްލި ބޯޅައެއް ފާ ޕޯސްޓުގައި ހުރެ ޑޭލީ ބްލިންޑް ބޮލުން ފޮނުވާލި ނަމަވެސް ގޯލު ހުރަސްވެގެން ބޭރަށް ދިޔައީ ގޯލުގެ ދަނޑި ކައިރިންނެވެ.
ކޮސްޓާސް ސިމިކާސް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި މަޓިޕް، ލިވަޕޫލް މޮޅުކޮށްދިނީ 89 ވަނަ މިނިޓުގަ އެވެ. ކީޕަރު ބީޓުވެފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ކްލިއާ ކޮށްލަން ޓަޑިޗް ބޮލުން ޖެއްސި ނަމަވެސް އޭނާ އަށް ކްލިއާ ކުރެވުނު އިރު މަޓިޕް ފޮނުވާލި ބޯޅަ ވަނީ ގޯލު ރޮނގު ހުރަސް ކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ، ނަޕޯލީ އަތުން ބަލިވި މެޗަށް ފަހު، މި މެޗުގައި ލިވަޕޫލްގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނުނު ކަމަށް ބުނެ، ކުޅުންތެރިންގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"ދެ މެޗު ވަރަށް ބޮޑަށް ތަފާތު. މެޗުގެ ފެށުމާއި ނިންމުން ވެސް، އަހަރެމެންގެ ކުޅުމާއި ޑިފެންސްކުރި ގޮތާއި ހުރިހާ ކަމެއް ވެސް މިރޭ ތަފާތު. ވަރަށް ހައި އިންޓެންސިޓީ ގޭމެއް ކުޅުންތެރިން ކުޅުނީ ވަރަށް ވިސްނުންތެރި ކަމާއެކު ކުރިއަށް ވުރެ ބޮޑަށް ތައްޔާރު ވެގެން، ހުރިހާ ކަމެއް ވެސް ކުރިއަށް ވުރެން ރަނގަޅު، މިއީ އަދި ފެށުމެއް،" މެޗާ މެސު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.
"ކެތްތެރިކަމާ އެކު މަސައްކަތް ކުރުން އެއީ އެންމެ މުހިއްމު ކަންތައް. އެކަމަކު މި މޮޅާ އެކު އެއްވެސް ކުޅުންތެރިއެއްގެ ސުލޫކު ކޮންޓްރޯލުން ނައްޓައިގެނެއް ނުދާނެ. މިއީ ޑްރެސިން ރޫމުގައި ދެއަތް އުރާލައިގެން ތިބެ ކުރެވޭނެ ކަންކަމެއް ނޫން. އެކަމަކު މި މޮޅާ އެކު ހިތްހަމަޖެހުމެއް ލިބިއްޖެ. އަހަރެމެން ދުނިޔެއަށް ދައްކައިދީފިން އަހަރެމެންނަށް ހެދޭ ގޯސްތައް ރަނގަޅުކުރަން ކުޅުންތެރިން ގިނަ މަސައްކަތްތަކެއް ކުރާކަން."
މި ގުރޫޕުގައި ހިމެނޭ އިޓަލީގެ ނަޕޯލީ އާއި ސްކޮޓްލެންޑުގެ ރޭންޖާސް ވާދަކުރަން އޮތް ނަމަވެސް، ސްކޮޓްލެންޑުގައި ކުޅޭ އެ މެޗު ވަނީ، ރާނީ އެލިޒަބަތު ދެ ވަނަ ގެ ޖަނާޒާގެ ތައްޔާރީތަކާ ގުޅިގެން މިރެއަށް ފަސްކޮށްފަ އެވެ.