13 ސެޕްޓެމްބަރ 2022 - 23:59

އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ބަރަހަނާވާތީ މީގެ ކުރިން ވެސް އެކިފަހަރު ހައްޔަރުކޮށްފައިވާ މުހައްމަދު ނަބީލް 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އުމުރުން 37 އަހަރުގެ ނަބީލްގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައިވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ޚިލާފް ކޮންޓެންޓް ޕޯސްޓްކުރުމުގެ ތުހުމަތެވެ.
މިދިޔަ މަހުގެ 31 ގައި ވެސް ނަބީލް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބަލައި ބަންދު އިތުރުކޮށެއް ނުދިނެވެ. ނަމަވެސް މިފަހަރު ކޯޓު އަމުރަކަށް ނަބީލް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައި ވަނީ ނަބީލް ބަރަހަނާވެގެން ސޯޝަލް މީޑިއާގައި އުޅެނިކޮށް ނަގާފައި ހުރި ސްކްރީން ޝޮޓް ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ނަބީލަކީ މިހާރު ވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
ނަބީލް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި ނެރުނު އަމުރުގައިވާ ގޮތުން ނަބީލާ ދެކޮޅަށް ފުލުހުން ސައިބަ ކްރައިމް ރިޕޯޓެއް ވެސް ހުށަހަޅާފައިވެ އެވެ.