މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓާ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ އުމުރުން 25 އަހަރު ވެފައިވާ، އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމަށް ޝަރުތު ފުރިހަމާ މީހުންނަށް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ. އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށް ވުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށް ވުން އަދި ބުއްދި ސަލާމަތުން ހުރުމެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތު މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޫބަރު 31، 2013 ގައި އުފެއްދީއްސުރެ މިދިޔަ މަހާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވީ މުހައްމަދު ހަލީމެވެ. ނަމަވެސް، މަޖިލީހުގެ އާއްމު ކޮމިޓީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ދޮޅު އަހަރު ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ވަކިކޮށްފަ އެވެ.

މަގާމުގެ ޒިންމާތަކުގެ ތެރޭގައި؛

- މަޖިލީހުގެ ރައީސް ކުރާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކުރުން

- މަޖިލީހުގެ ގެލެރީތަކަށް މީހުން ވަންނަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ގެލެރީތަކުން ނެރެންޖެހޭ މީހުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނެރުމުގެ ޒިންމާ އުފުލުން

- މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެ ނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުން

މަޖިލީހުގެ ގަވައިދު ބުނާގޮތުން ސާޖަންޓް އެޓް އާމްސްގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް، މަޖިލީހުގެ ތަޅުމަށް ހުށަހަޅާނީ މަޖިލީހުގެ ރައީސެވެ.

އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 32،000ރ އާއި ލިވިން އެލަވަންސްގެ ގޮތުގައި 4،000ރ އާއި ފޯނު އެލަވަންސަށް 1،000ރ. އަދި ޕާލިމަންޓްރީ ސާވިސް އެލަވަންސަށް ހަމަޖައްސާފައިވާ 6،400ރ. އާ އެކު މަހަކު 43،400ރ. ލިބޭނެ އެވެ.

މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސްވެރިޔާ އެވެ.