13 ސެޕްޓެމްބަރ 2022 - 15:18

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލޯކަލް އޮތޮރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމް ނިންމާލައިފި އެވެ.

އެ ޕްރޮގުރާމަކީ އެ އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެ އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީސް (އައިސީޑީއެސް) އާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. މިއީ ސިލްސިލާކޮށް އެ އޮތޯރިޓީއިން ކުރިއަށް ގެންދަމުންދާ އެ ފަދަ ޕްރޮގުރާމުތަކުގެ ތެރެއިން ތިން ވަނަ ޕްރޮގުރާމެވެ.
ސީއެމްޑިއޭއިން މި ފަހަރުގެ ޕްރޮގުރާމް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އެ ޕްރޮގުރާމުގައި ކޯޕަރޭޓް ގަވާނަންސްގައި ހިމެނޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސަސް ސްޓޭންޑަޑްތަކާއި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދައި ހިންގުމުގައި އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ބައިވެރިންނަށް ދީފައިވެ އެވެ. އަދި ބިޒްނަސް އެތިކްސް އާއި ސަސްޓެއިނަބަލް އިންވެސްޓިންއާ ގުޅޭ މައުލޫމާތާއި، ބޯޑުގެ ސްޓެރެޓެޖީތައް ކަނޑައެޅުމުގައި ޑިރެކްޓަރުން ބަލަންޖެހޭ މުހިންމު ކަންތައްތަކުގެ މައުލޫމާތު ދީފައިވާ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. ރާއްޖޭގެ ޓެކްސް ސިސްޓަމާއި، އެންޓިކޮރަޕްޝަނާއި ޕްރޮކިއުމަންޓްގެ މައުލޫމާތާއި، ފައިނޭންޝަލް ސްޓޭޓްމަންޓްއާއި އަހަރީ ރިޕޯޓުގެ މަފްހޫމްތަކާގުޅޭ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.
މި މަހުގެ 6-8 އަށް ކުރިއަށް ދިޔަ ޕްރޮގުރާމުގައި މައުލޫމާތު ދީފައި ވަނީ ސީއެމްޑީއޭ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި މީރާ އާއި އުރީދޫގެ ބޭފުޅުން ވެސް މައުލޫމާތު ދެއްވި އެވެ.
ތިން ދުވަހަށް ކުރިއަށް ދިޔަޕްރޮގުރާމުގައި ހިމެނެނީ 19 ބައިވެރިންނެވެ. ސީއެމްޑީއޭއިން ބުނީ އަންނަ މަހު ވެސް ޑިރެކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ދާނެ ކަމަށެވެ. އެ ޕްރޮގުރާމު ކުރިއަށް ދާނީ އަންނަ މަހު 17-19 އަށެވެ.