ބްރަހްމަސްތުރާ ހިޓުވެ، ހަތަރު ދުވަހުން 225 ކްރޯޑް ރުޕީސް
ބްރަހްމަސްތުރާ ހިޓުވެ، ހަތަރު ދުވަހުން 225 ކްރޯޑް ރުޕީސް

ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަހްމަސްތުރާ" އަށް 225 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފިލްމު ރިލީޒްކުރިތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ މާކެޓުން ލިބުނު ތަރުހީބާ އެކު ފިލްމު 200 ކްރޯޑް ކްލަބަށް ވަދެފައިވާއިރު ފިލްމުގެ ހިންދީ ވާޝަނަށް އެކަނި ވެސް 108 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނެފައިވާ ގޮތުގައި ހަފްތާ ބަންދާ ދިމާކޮށް ރިލީޒްކުރި މި ފިލްމަށް ހަފްތާ ބަންދުގައި ލިބިފައި ވަނީ ބޮޑު ތަރުހީބެކެވެ. ދެ ދުވަހުން ފިލްމު ވަނީ 100 ކްރޯޑް ކްލަބަށް ވަދެފަ އެވެ.

އެ ފިލްމަކީ 400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

އަޔާން ނެރުނު ބަޔާނެއްގައި ބުނީ ފިލްމަށް އިންޑިއާ އާއި ދުނިޔޭގެ މާކެޓުން ލިބެމުންދާ ތަރުހީބަށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފުރަތަމަ ހަފްތާ ބަންދުގައި ލިބުނު ވަރުގެ ތަރުހީބެއް ކުރިއަށް ހަފްތާތަކުގައި ވެސް ލިބެމުންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ތަރިންނާއި ސަޕޯޓަރުންގެ ފަރާތުން އެ ފިލްމަށް ރަނގަޅު ރިވިއުއެއް ވަނީ ލިބިފަ އެވެ. އެކަމަކު ފިލްމު އެނަލިސްޓުން ވަނީ ހައި ވިޝުއަލް އިފެކްޓްސްތަކެއް އެކުލެވިގެން ވިޔަސް ކޮންޓެންޓު ވަރަށް ދަށް ކަަމަށް ބުނެ ކަންބޮޑުވެފަ އެވެ.

ބްރަހްމަސްތުރާއަށް ބޮޑު ކާމިޔާބެއް ލިބެމުންދާއިރު މިއަހަރަކީ ފިލްމުތައް ވަރަށް ނުހިނގާ އަހަރެކެވެ. އާމިރު ޚާންގެ ލާލް ސިންގް އާއި އަކްޝޭ ކުމާރު ކަހަލަ އޭ ލިސްޓުގެ ބައެއް ތަރިންގެ ފިލްމުތައް ވެސް ވަނީ ފްލޮޕްވެފަ އެވެ. އެކަމަކު ބޮއިކޮޓްކުރަން ގޮވައި ހިންގި ކެމްޕެއިންތަކާ އެކު ވެސް ބްރަހްމަސްތުރާއަށް ދަނީ ރަނގަޅު ތަރުހީބެއް ލިބެމުންނެވެ.