ޗެލްސީގެ ތަސައްވުރު ރަނގަޅު: އާ ކޯޗު
ޗެލްސީގެ ތަސައްވުރު ރަނގަޅު: އާ ކޯޗު

ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޯލީ ކްލަބާ މެދު ގެންގުޅުއްވާ ތަސައްވުރާ މެދު ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ އާ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

ބޯލީ ޗެލްސީ ބައްލަވައިގަތީ، ރަޝިއާ އިން ޔޫކްރޭނަށް ހަމަލާ ދެމުންދާތީ އިނގިރޭސި ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅެއްގެ ދަށުން ޗެލްސީގެ އޭރު ވެރިޔާ ރަޝިއާގެ ރޯމަން އަބްރަހަމޮވިޗް ކްލަބް ވިއްކާލަން މަޖުބޫރުވުމުންނެވެ.

ބޯލީ ހަވާލުވެވަޑައިގެން ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި 290 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރެއްވި އެވެ. އެކަމަކު ސީޒަން ފެށިތާ ކައިރީގައި ކޯޗު ތޯމަސް ޓުޗެލް ވަކިކުރުމުން ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި ޓުޗެލް ބޭނުންވާ ކުޅުންތެރިން ގަނެދިނުމަށް ފަހު ނަތީޖާ ނެރެން އެކަށީގެންވާ ވަގުތު ނުދީ އޭނާ ވަކިކުރުމުން ދައްކުވައިދެނީ ބޯލީގެ އެއްވެސް ތަސައްވުރެއް ނެތްކަން ކަމަށެވެ.

އެކަމަކު ޓުޗެލްގެ ބަދަލުގައި އެ ޓީމުގެ ކޯޗަކަށް ގެނައި ޕޮޓާ ވަނީ ބޯލީގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.

"މިއީ ވަރަށް އުފާވެރި ދުވަސްތަކެއްގެ ފެށުން،" ޕޮޓާ ބުންޏެވެ.

"ކްލަބުގެ އާ ވެރިން ކްލަބާ މެދު ގެންގުޅޭ ތަސައްވުރާއި ބޭނުންވާ ކަންކަމާ މެދު އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި."

ޕޮޓާގެ ކޯޗިންގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި ޗެމްޕިއަންސް ލީގުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ ދެކޮޅަށެވެ.

"އަހަރެމެން ބޭނުންވަނީ އެޓޭކިން އެކަމަކު ވަރަށް ބެލެންސްޑް ކުޅުމެއް ދައްކަން،" ޕޮޓާ ބުންޏެވެ.

އޭނާ ބުނީ އަމާޒަކީ ހަމައެކަނި މޮޅުވުން ނޫން ކަމަށާއި ބޭނުންވަނީ ވާދަވެރި، އެއްކޮށް މަސައްކަތްކުރާ، ތެދުވެރި ޓީމެއް ބިނާކުރަން ކަމަށެވެ.

ސްވިޑަންގެ ކްލަބެއް އެ ގައުމުގެ ހަތަރު ވަނަ ޑިވިޝަނުން މަތީ ޑިވިޝަނަށް ގެންގޮސްދީގެން ގިނަ ބަޔަކަށް ފާހަގަވި ޕޮޓާ ވަނީ ޕްރިމިއާ ލީގުގެ ބްރައިޓަންގައި ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ. ޗެލްސީން އޭނާ ގެނައީ އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްގެންނެވެ.