ރާނީ އަށް ލިވަޕޫލް ސަޕޯޓަރުން އިހުތިރާމް ކުޑަނުކުރާނެ: ކްލޮޕް
ރާނީ އަށް ލިވަޕޫލް ސަޕޯޓަރުން އިހުތިރާމް ކުޑަނުކުރާނެ: ކްލޮޕް

ޗެމްޕިއަންސް ލީގުގައި މިރޭ އަޔަކްސްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި އެ ޓީމުގެ ސަޕޯޓަރުން، ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނައިގެ ހަނދާނުގައި ގެންނަ ސުކޫތުގައި އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް ސަޕޯޓަރުން ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގެ ފައިނަލުގެ ކުރިން ރާނީ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ލަވަ ޖެހި ވަގުތު ހަޅޭއްލަވައިފަ އެވެ. އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކަން ކުށްވެރިކުރެއްވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރާނީ އަވަހާރަވުމުގެ ހިތާމައިގައި މި ހަފުތާގައި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރި އަސްލު ސަބަބަކީ ވެސް ބައެއް ޓީމުތަކުގެ ސަޕޯޓަރުން މެޗުގައި އެކަމަނާ އަށް އިހުތިރާމުކުޑަކޮށްފާނެ ކަމުގެ ބިރު އޮތުމެވެ.

އިންގްލެންޑުގެ ބައެއް ރައްޔިތުން އެ ގައުމުގައި އޮންނަ ރަސްކަމާ ދެކޮޅެވެ.

ކްލޮޕް ބުނީ އިހުތިރާމް އަދާކުރުމާ މެދު ލިވަޕޫލް ސަޕޯޓަރުންނަށް އޭނާގެ ނަސޭހަތެއް ބޭނުންވާ ކަމަށް ނުދެކޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ތުއްތު ދަރިފުޅު މަރުވުމުން، ލިވަޕޫލް ސަޕޯޓަރުން އޭނާ އަށް މެޗުގެ ކުރިން އިހުތިރާމް އަދާކުރުމެވެ.

"އެފަދަ ވަރަށް ގިނަ މިސާލުތައް އެބަހުރި،" ކްލޮޕް ބުންޏެވެ.

ކޮވިޑުގައި ކްލޮޕްގެ މަންމަ މަރުވުމުން އޭނާ އަށް އޭރު އަޅާފައި އޮތް ފިޔަވަޅުތަކުގެ ސަބަބުން ޖަނާޒާގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ. ކްލޮޕް ބުނީ މަންމަ މަރުވުމުގެ ހިތާމައިގެ ހަނދާންތައް އެބަހުރި ކަމަށާއި އެހެންވެ ރާނީ މަރުވުމުން އެކަމަނާއާ ގާތް މީހުން ކުރާނެ ހިތާމަ އެނގޭ ކަމަށެވެ.

"އެ އެންމެންގެ ހިތާމަތަކަށް އަހަރެން އިހުތިރާމްކުރަން،"

ލިވަޕޫލް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި އިޓަލީގެ ނަޕޯލީ އަތުން 4-1 އިން ބަލިވީ އެވެ. ކްލޮޕް ބުނީ އެއީ އޭނާ ހަވާލުވި ފަހުން ލިވަޕޫލް އެންމެ ފީކަޅާކޮށް ކުޅުނު މެޗު ކަމަށާއި އެ ނަތީޖާ މިރޭ އަނބުރާލަން ބޭނުންވާ ކަމަށެވެ.