13 ސެޕްޓެމްބަރ 2022 - 11:48

މީގެ 12 އަހަރު ކުރިން ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކުރި ދެ މީހަކު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހދ. މަކުނުދޫ ދެ މީހަކު ނޮވެމްބަރު 2010 ގައި ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން އެ ލޯންޗު ހައިޖެކްކޮށްގެން ގެންދިޔައީ ހދ. ވައިކަރަމުރައިދު އަށެވެ. އެ މީހުން ކޯޓުގައި އެކަމަށް އެއްބަސްވި އެވެ.
އެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާ ކަމަށް ވިޔަސް އެ ގާނޫނު މިހާރު އުވާލާފައިވާތީ، އެ މީހުންގެ މައްޗަށް މިދިޔަ ހަފުތާގައި އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު އެ މީހުން ކުށަށް އިއުތިރާފްވުމާއި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުން ތަންފީޒު ކުރަންޖެހޭ އަދަބު އެ އަށް ވުރެ ވެސް ކުޑަވެ އެވެ. އަދި ލުއި އަދަބަކަށް އެ މީހުން އެދިފައިވާތީ ކޯޓުން ނިންމީ ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ.
ޖޫރިމަނާގެ ގޮތުގައި އެކަކު ދައްކަން ޖެހުނީ 12،600ރ. އެވެ. ދެވަނަ މީހާއަށް ޖެހުނީ 9،600ރ. އެވެ.
އެ ދެ މީހުންގެ މައްޗަށް ޖޫރިމަނާގެ އަދަބެއް އަޔަސް، އެ މައްސަލައިގައި ބައިވެރިވި ކުޑަކުއްޖާގެ މައްޗަށް 2017 ވަނަ އަހަރު ޖުވެނައިލް ކޯޓުން އިއްވީ ޓެރަރިޒަމްގެ ގާނޫނުގެ ހަ އަހަރުގެ ޖަލު ހުކުމެކެވެ.