އިތުރު ލިޔުމަކާ ނުލައި މިހާރު ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭނެ
އިތުރު ލިޔުމަކާ ނުލައި މިހާރު ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭނެ

މެލޭޝިއާގައި އިތުރު ހުއްދައެއް ހޯދުމަކާނުލައި ރާއްޖޭގެ ޑްރައިވިން ލައިސަންސް އިއްޔެއިން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.

ރާއްޖޭގެ ލައިސަންސް މެލޭޝިއާއިން ގަބޫލުކުރަން ފަށާފައި މި ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް، އެއް ގައުމުން އަނެއް ގައުމުގައި ލައިސަންސް ބަލައިގަތުމަށް މިދިޔަ މަހު ސޮއިކުރި އެެއްބަސްވުމުގެ ދަށުންނެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނީ އިތުރު ހުއްދައަކާނުލައި ދިވެހި ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި މިހާރު ކާރާއި ސައިކަލު ދުއްވޭނެ ކަމަށެވެ. އަދި ދިވެހި ލައިސަންސްގެ ސައްހަކަން ކަށަވަރުކުރުމަށް ހައި ކޮމިޝަނުން ލިޔުމެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެެވެ.

ހައި ކޮމިޝަނުން ބުނީ ރާއްޖެ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ހުއްދަވާނީ ދިވެހި ލައިސަންސްގެ A0 އާއި B1 އަދި B2 ކެޓަގަރީގެ އުޅަނދު ފަހަރަށް ދުއްވާށެވެ.

ކިޔެވުމަށާއި ޗުއްޓީ ހޭދަކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިއާގައި ދިވެހި ލައިސަންސް ބޭނުންކުރާއިރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނާއި ހައި ކޮމިޝަނުގެ އާންމު ލިޔުމުގެ ކޮޕީއެއް ގެންގުޅުމަށް ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

އެ ކޮމިޝަނުން ވަނީ ދިވެހިން މެލޭޝިއާގައި ކާރާއި ސައިކަލު ދުއްވާއިރު އެ ގައުމުގެ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށާއި ރައްކާތެރިކަމާ އެކު އުޅަަނދު ދުއްވަން އެދިފަ އެވެ.