13 ސެޕްޓެމްބަރ 2022 - 10:45

ރާއްޖޭގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދެނެގަތުމަށް 8 އަހަރު ފަހުން ބޯހިމަަނަން މިއަދު ފަށައިފި އެވެ.

ބޯހިމެނުން 2022 ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ވިދާޅުވީ، ބޯހިމެނުމުގެ މަސައްކަތްކުރާ މީހުން މިއަދު ފަށަނީ ވަރަށް ބުރަ އަދި މުހިންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތަށް ހުރިހާ އެންމެން އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބޯހިމެނުމަށް މީހާގެ މައުލޫމާތު ނަގާނީ ރޭގެ ދަންވަރު 12ގެ ފަހުން އެ މީހަކު ދިރިއުޅޭ ތަނަކުންނެވެ.
މިއަދުން ފެށިގެން މި މަހު 25 ގެ ނިޔަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން އިރުއޮއްސި 6 އާ ދެމެދުގަ އެވެ.
ތަޅުލާފައި ހުންނަ އިމާރާތްތަކަށް އެ ވަގުތުތަކުގައި ވަދެވޭނެ ގޮތް ހަދައި ދިނުމަށާއި އަދި ގޭބިސީތަކާއި މަސައްކަތްކުރާ ތަންތަނުގެ އިސްވެރިންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އެދެ އެވެ. އަދި ބޯހިމެނުމަށް ތެދު މައުލޫމާތު ދިނުމަކީ ތަފާސްހިސާބުގެ ގާނޫނުގައި އެންމެނަށް ލާޒިމްކުރާ ކަމެއް ކަމަށް ވެސް އެ އޮފީހުން ހަނދާންކޮށްދިނެވެ.
އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރުގެ ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި 4،000 ވޮލަންޓިއަރުން ހަރަކާތްތެރިވާނެ އެވެ.
އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.