ގުޑުގުޑާއެއް ތަޅާލި މީހަކަށް ޖަލު ހުކުމެއް، އަދަބު ލުއިކޮށް ޖޫރިމަނާއެއް
ގުޑުގުޑާއެއް ތަޅާލި މީހަކަށް ޖަލު ހުކުމެއް، އަދަބު ލުއިކޮށް ޖޫރިމަނާއެއް

މީހަކަށް މަރުގެ އިންޒާރު ދީ އެ މީހާއަށް ހަމަލާ ދިނުމަށް އެހެން މީހެއްގެ ގުޑުގުޑާއެއް ނަގައި އެއްލުމުން، އެ ތެޅި ހަލާކުވެފައި ވާތީ އަދަބެއްގެ ގޮތުން 13 ދުވަހަށް ޖަލަށް ލާން ހުކުމްކޮށް އެ އަދަބު 2،600ރ. ގެ ޖޫރިމަނާއަކަށް ލުއިކޮށްދީފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމްކުރީ 2009 ވަނަ އަހަރު މާލޭގައި ގެއެއްގެ ތެރޭ ހަމަނުޖެހުން ހިންގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ކުރި ދައުވާތަކުގަ އެވެ.

ހުކުމް އައި މީހާގެ މައްޗަށް ކުރީ ބިރު ދެއްކުމުގެ ދައުވާއަކާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެކެވެ. މި ދެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ.

ދައުވާތަކުގައި ބުނެފައިވާ ގޮތުން މި މީހާ މަރުގެ އިންޒާރު ދިނީ އޭނާ އޭރު އުޅުނު ގޭތެރޭގައި ހުރެ އެވެ. މަރުގެ އިންޒާރު ދިނުމަށް ފަހު ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއެއް ހިފައިގެން ހަމަލާ ދޭން އުޅެނިކޮށް ވަޅި ވެއްޓުމުން އޭނާ ވަނީ ސިޓިންރޫމްގައި އަންހެނަކު ބޯން އިން ގުޑުގުޑާ ނަގައި އެއިން ހަމަލާދޭން އުޅެފަ އެވެ. ހަމަލާ ދިނުމުން ގުޑުގުޑާ އެއްލުމުން އޭގެ ސިލުނބާއި ފުޅި ތަޅައިގެންދިޔައީ އެވެ.

ގުޑުގުޑާ ހަލާކުކޮށްލި މައްސަލާގައި އަންނަ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް އެކަން ކުރި މީހާ ކުށަށް އިއުތިރާފް ވެފައި ވާތީ، ގާނޫނުގައި ބުނާ ގޮތަށް ކުށުގެ ދަރަޖަ ލުއިކުރުމުން އަންނަނީ 27 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް މި ދައުވާ ލިބުނު މީހާގެ މައްޗަށް އެހެން ދައުވާއެއް ވެސް ކޮށް އެ ދައުވާ ސާބިތުވާތީ އަމަލުކުރާ އުސޫލުން އަދަދު ދެ ބައިކުޅަ އެއް ބަޔަކަށް ކުޑަކުރުން އައީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި މި ޖަލު ހުކުމް 2،600ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައިވަނީ މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި ކުށުގެ ވެށިން ދުރުވުމަށް މަގު ފަހިކުރުމުގެ މަސްލަހަތު އޮތް ކަމަށް ކަނޑައަޅުއްވައިފަ އެވެ.

"މަރާލާނަމޭ" ބުނެ ބިރު ދެއްކި މައްސަލާގައި ވެސް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އާދެ އެވެ. މި މުއްދަތުން ތަހުގީގަށް ބަންދުގައި ހުރި 25 ދުވަހާއި 16 ގަޑިއިރާއި 45 މިނެޓް އުނިކުރަން ޖެހެ އެވެ. އޭރުން ޖަލުގައި ހުންނަން ޖެހެނީ ދެ މަހާއި 23 ދުވަހެވެ.

ދައުވާ ލިބުނު މީހާ ވަނީ އޭނާ އަކީ ވަޒީފާއެއް އަދާކުރާ މީހެއް ކަމަށް ވާތީ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްދޭން އެދިފަ އެވެ. ގާޒީ ވިދާޅުވެފައި ވަނީ މިއީ ވެސް ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި ކުށުގެ ވެށިން ދުރުކުރުމުގެ މަސްލަހަތު އޮތް ކަމަށް ފެންނާތީ ޖަލު ހުކުމް 16،600ރ. އަށް ބަދަލުކުރަން ނިންމެވީ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ކުށުގެ ރެކޯޑަށް ބަލާއިރު ވެސް އަދަބު ބޮޑުވާނެ ސަބަބެއް ނެތެވެ.

ސާބިތުވި ދެ ދައުވާގެ ޖޫރިމަނާ އަށް 19،200ރ. އަރަ އެވެ. މި ފައިސާ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މަސް ދުވަސް ތެރޭ މީރާ އަށް ދައްކަން ހުކުމުގައިވެ އެވެ.