13 ސެޕްޓެމްބަރ 2022 - 06:50

އޭޝިއާގެ 20 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންގައި، ރޭ ސައުދީ އަރަބިއާ އަތުން 11-0 ން ރާއްޖެ ބަލި ވެއްޖެ އެވެ.
މި ބައްޔާއެކު ރާއްޖެ އަށް ވަނީ މުބާރާތުގައި ކުރިއަށްދާން އުނދަގޫ ވެފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވީ ތަފާތު ބޮޑުކޮށެވެ. ހޮނިހިރު ދުވަހުގެ ރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ ބަލިވީ 7-0 ންނެވެ.
ސައުދީގެ ދައްމާމްގެ މުހައްމަދު ބިން ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ސައުދީގެ އަބްދުﷲ ރާދިފް އާއި މިޝަރީ އަލް ނިމްރު، ކޮންމެ ކުޅުންތެރިޔަކު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދައިފަ އެވެ. އަދި އެ ޓީމުގެ ޔަޒީދު ޖޫޝާން ދެ ލަނޑު ޖެހި އެވެ.
އަނެއް ތިން ލަނޑު ޖެހީ ސޯލިހް ރަހްމާނީ އާއި ޔާސީން އަލް ޒުބައިދީ އަދި އަބްދުލް އަޒީޒު އަލް އަލައިވާ އެވެ.
އެ ގުރޫޕްގައި ރޭ އުޒްބެކިސްތާނުން ވަނީ މިޔަންމާގެ މައްޗަށް 3-0 ން މޮޅުވެފަ އެވެ. ރާއްޖެ އާއި މިޔަންމާ ވަނީ ދެ މެޗުން ބަލިވެފަ އެވެ. ރާއްޖެ އާއި މިޔަންމާ އާ ދެކޮޅަށް ކުޅުނު މެޗުތަކުން މޮޅުވެ އުޒްބެކިސްތާން ވަނީ ދެ މެޗުން މޮޅުވެފަ އެވެ. ސައުދީ އާއި ޗައިނާ ކުޅުނީ އެއް މެޗެވެ. މިޔަންމާ އާ ދެކޮޅަށް ކުޅުނު މެޗު ޗައިނާއިން ކާމިޔާބު ކުރީ 3-1 ންނެނެވެ.