13 ސެޕްޓެމްބަރ 2022 - 06:43

މަޝްހޫރު ޓެކް ކުންފުނި ސެމްސަންގުން އަންނަ އަހަރު ނެރޭ އެ ކުންފުނީގެ ފްލެގްޝިޕް ފޯނު "އެސް23"ގައި 200 މެގަޕިކްސެލް ކެމެރާ ސެންސައެއް އިންނާނެކަން ލީކްތަކުން ހާމަވެއްޖެ އެވެ.
އަންނަ އަހަރު ސެމްސަންގުން ނެރޭ ގެލެކްސީ ސީރީޒްގެ އެސް23ގެ ފޯނުތަކުގެ ކެމެރާ ވަރަށް ބޮޑު ތަނުން ރަނގަޅު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ.
އަލަށް އާންމުވެފައިވާ ލީކުތަކުން އިޝާރާތްކުރާ ގޮތުގައި އެސް23 ސީރީޒްގެ އެންމެ ޕްރީމިއަމް ފޯނު ނުވަތަ "އަލްޓްރާ" ލައިންއަޕްގައި 200 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭނެ އެވެ. މިއީ މިހާތަނަށް ފޯނެއްގައި ޕިކްސެލް އަށް ބަލާ ނަމަ އެންމެ މަތީ ސެންސަ ހިމެނޭނެ ކެމެރާ އެވެ.
މިވަގުތު އެންމެ މަތީ މެގަޕިކްސެލް އަދަދެއް ފޯނުގައި ހިމެނެނީ 108 މެގަޕިކްސެލް އެވެ. ސެމްސަންްގް އާއި ޗައިނާގެ ބައެއް ފޯނުތަކުގައި ވެސް 108 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެ އެވެ.
ނަމަވެސް ޕިކްސެލް އިތުރު ވުމަކީ ފޮޓޯގެ ކޮލިޓީ ރަނގަޅުވުމާ ސީދާ ގުޅިފައިވާ ކަމެއް ނޫނެވެ. މެގަޕިކްސެލް މަތިވުމުން މަތިވާނީ ފޮޓޯތަކުގެ ރެޒޮލިއުޝަނެވެ.
މި ކެމެރާތަކުގެ ކޮލިޓީ އަދި އެނގޭނީ އަންނަ އަހަރު އެވެ. ސެމްސަންގުން އާ ޑިވައިސްތައް އާންމުކޮށް ދައްކާނީ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގަ އެވެ.