08 ޖެނުއަރީ 2017 - 06:34

އަލަށް ބަލިވެ އިންނަ މީހާ ދުވަސް ފުރި ވިހެއުމާ ގާތްވާއިރު ބަނޑުގައި ރިއްސާލާ ކޮންމެ ފަހަރަކު ވެސް ހީކުރާނީ ވިހަން އުޅެނީ ކަމަށެވެ. މިއީ ވަރަށް ފިކުރު ބޮޑުވެ ސްޓްރެސްވާ ކަމަކަށް އޮންނަނީ ވެފަ އެވެ. އަލަށް ނޫނަސް، އެތައް ފަހަރަކު ވިހާފައިވާ މީހަކަށް ވިޔަސް ދުވަސް ފުރުމަށް ފަހު އަބަދުވެސް ހުންނާނީ ކޮންމެ ރިހުމަކާ އެކު ހާސްކަމުގެ ތެރޭގަ އެވެ.

ބަލިވެ އިނުމަށް ފަހު ބަނޑުގައި ރިއްސާއިރު އެއީ ކޮން ކަހަލަ ރިހުމެއްތޯ ދެނެގަންނަ، ބަނޑުގައި ހަރުކޮށްލައިގެން އުޅެވޭނެ ޑިވައިސްއެއް އުފައްދައި މިހާރު ވަނީ އާންމުކޮށް ވިއްކަން ފަށައިފަ އެވެ. "ބްލޫމްލައިފް" އިން އެ ކުންފުނީގެ ނަން ދީފައިވާ މި އުފެއްދުން ވެގެން ދާނީ އެތައް ބަޔަކަށް ހިތްހަމަޖެހުން ލިއްބައިދޭނެ އެއްޗަކަށެވެ.
ބްލޫމްލައިފް ބާޒާރަށް ނެރެފައި މި ވަނީ މާބަނޑު އަންހެނުންގެ އެތައް ސަތޭކަ ބަޔަކު ބޭނުންކޮށްގެން ކުރި ޓެސްޓުތަކާއި ކްލިނިކްގައި ކުރި ހަތަރު ޓެސްޓަކަށް ފަހު، ބީޓާ މަރުހަލާ ފުރިހަމަކޮށްފަ އެވެ.
މި ޑިވައިސް ބޭނުންކުރަނީ ބަނޑަށް ހަ މަހުން ފެށިގެންގެނެވެ. އެ ޑިވައިސް އުފައްދާފައި ވަނީ ބަނޑުގެ ބޭރުގައި ތަތްކޮށްލާފައި ބެހެއްޓޭ ގޮތަށެވެ. މި ޑިވައިސް އިން ފޮނުވާ މައުލޫމާތު އައިއޯއެސް ނުވަތަ އެންޑްރޮއިޑް ޑިވައިސް އަކަށް ވަގުތުން ލިބެމުންދާ ގޮތަށް ހެދޭނެ އެވެ. އެހެންވެ، ރިހުންތަކާއި ރިހުންތައް އަންނަ މިންވަރާއި އަވަސްމިން ވެސް ވަގުތުން އެ މީހެއްގެ ފޯނަށް ލިބެމުން ދާނެ އެވެ. ބަނޑުގައި ރިހެނީ ކީއްވެ ކަމާއި ވަމުން ދަނީ ކީއްކަން މި މައުލޫމާތުން ދެނެގަނެވޭނެ އެވެ.
ރިހުން ހުރި ގޮތް ދެނެގަންނަން އެޑްމިޓްކޮށްފައި ބޭއްވުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ މި ޑިވައިސް އާންމުކޮށް ވިއްކަން ފެށުމަށް ފަހު، އެ ޑިވައިސްތަކުން ލިބޭ މައުލޫމާތު ބޭނުންކޮށްގެން މި ޑިވައިސްގެ ޓެކްނޮލޮޖީ ތަރައްގީކުރާނެ ކަމަށް ބްލޫމްލައިފްގެ ސީއީއޯ އަދި ކޯ ފައުންޑާ އެރިކް ޑްރައި ވިދާޅުވި އެވެ.
ބްލޫމްލައިފްގެ ވެބްސައިޓުގައި މި ޑިވައިސް އަށް މިހާރު އޯޑަރު ދެވެ އެވެ. މަސް ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭ ޑިވައިސްއެއް 150 ޑޮލަރަށް ވިއްކާއިރު، ދެ މަސް ދުވަހަށް ނަގަނީ 250 ޑޮލަރެވެ. އަދި ތިން މަސް ދުވަހަށް 300 ޑޮލަރެވެ.