12 ސެޕްޓެމްބަރ 2022 - 13:57

މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން، އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. މިއީ އެ މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާ އެވެ.
ހުކުރު ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ތިން ފުލުހަކަށް ހަމަލާދިނީ މަޖީދީ މަގު ހެންވޭރުކޮޅު ޔޫރޯ ސްޓޯރު ކައިރިންނެވެ. އެ މައްސަލައިގައި އެ ދުވަހު މެންދުރު އުމުރުން 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންނަށް ހަމަލާދިނީ މާލޭގެ މަޝްހޫރު ގޭންގަކުން ކަމަށާއި އެކަމުގައި ހިމެނޭ އެކަކު ވެސް ދޫނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގޭންގުތަކުގެ ކުރިމަތީގައި ފުލުހުން ކުޑަކަކޫ ނުޖަހަނާ ކަމަށް ސީޕީ ވިދާޅުވެފައިވެ އެވެ.