12 ސެޕްޓެމްބަރ 2022 - 13:50

ސަރުކާރުން ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ރައްކާތެރިކަން ޔަގީންކަން ދެމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ބައްލަވަނީ އިސްކުރު ފެން ކަމަށް އެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި މިހާރު ކުރިއަށް ގެންދާ "ވިއަވަތި" ކޮންފަރެންސްގައި "ވިލުންވެރި މުޖުތަމައުއެއް ބިނާކުރުން،" މައުލޫއުގައި، ތިމާވެށީގެ ހާލަތާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން ޝައުނާ ވިދާޅުވީ، ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ.
އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކާ އެއްވަރަށް ގާއިމު ކޮށްފައިވާ، ބޯން ރަނގަޅު ފެނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބޮނީ އިސްކުރު ފެން. ކައުންސިލްތަކަށް މި އިސްކުރު ފެން ޕްރޮމޯޓުކުރުމަކީ ހުރިހާ ގޮތަކަށް ބަލާއިރު ވެސް މުހިއްމު ކަމެއް. ތިމާވެއްޓަށް ބެލިއަސް އަދި ކައުންސިލްތަކުން ކުރަންޖެހޭ ބައިވަރު މަސައްކަތަށް ބެލިއަސް، އިސްކުރު ފެނަކީ ބޯން ވީ ފެނެއް،" ޝައުނާ ވިދާޅުވި އެވެ.
އޭނާގެ ވާހަކަތަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ޝައުނާގެ ބަސް ގަބޫލުފުޅު ކުރައްވައި، އެ މަނިކުފާނު ވެސް ބައްލަވަނީ ސަޕްލައި ފެން ކަމަށެވެ.
މާލޭގައި ސަރުކާރުން ފެނުގެ ނިޒާމު ގާއިމްކުރި ނަމަވެސް، އަދި ވެސް ގިނަ ބަޔަކު ބޭނުންކުރީ ފުޅީގައި ބަންދުކުރި ފެނެވެ.