ބީއެމްއެލްގެ ހައުސިން ގްރާންޓް ތިން އާއިލާއަކަށް
ބީއެމްއެލްގެ ހައުސިން ގްރާންޓް ތިން އާއިލާއަކަށް

ބޭންކް އޮފް މޯލްޑިވްސްއިން އެ ބޭންކަށް 40 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހައުސިން ގްރާންޓު ދިނުމުގެ ޕްރޮގްރާމުން ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި އެވެ.

ހައުސިން ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އަހަރު ކުރީކޮޅު ހުޅުވާލީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދޭ ގްރާންޓެއްގެ ގޮތުގަ އެވެ. އެ ގްރާންޓުގެ ދަށުން އެ އާއިލާތަކުގެ ގެ އިމާރާތްކޮށް ފަރުނީޗަރު ވެސް ދޭނެ އެވެ.

ބޭންކުން ބުނީ އެ ގްރާންޓު ލިބޭ އާއިލާތައް ކަނޑައެޅުމަށް އެކަމަށް އެދުމުގެ ފުރުސަތު ދީފައި ވާނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށް ކަމަށެވެ. ގްރާންޓް ދޭނެ ފަރާތްތަކަށް ކަނޑައެޅީ އެ ފަރާތްތަކުން ހުށަހެޅި އާއިލާތައް ދިރާސާ ކުރުމަށް ފަހުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ފަހަރު އެހީވާ އާއިލާތައް؛

● ށ. ފުނަދޫގެ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން ހުށަހެޅި "ސުކޫން" ގެ އާއިލާ

● ނ. ވެލިދޫގެ ވެލިދޫ ފިއުޗާ ފައުންޑޭޝަނުން ހުށަހެޅި "އިޝާ" ގޭގެ އާއިލާ

● އދ.މާމިގިލީގެ ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަނުން ހުށަހެޅި "ސަން ހިޔާ" ގޭގެ އާއިލާ

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ މި ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއްކަމަށެވެ. އަދި މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން އެ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މުޖުތަމައަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރަނިވި އެކި ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ.